މާލޭގެ ބޮޑު ބަޔަކު މިއަދު ހެނދުނު 8:30 ހާއިރު ކަރަންޓު ކަނޑައިގެން ދިއުމުން ފަސް ގަޑިއިރަށް ވުރެ ގިނައިރުވި ފަހުން އަލުން ކަރަންޓު ދީފި އެވެ.

މާލެއިން ކަރަންޓު ކެނޑެން ފެށީ ހެނދުނު 8:15 ހާއިރު އެވެ. އަލުން ކަރަންޓު ދީފައި ވަނީ މެންދުރު 1:00 ހާއިރު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"ދިމާވި މައްސަލަތައް ހައްލުކޮށް މުޅި މާލެއަށް މިހާރު ވަނީ ކަރަންޓުދެވިފައި. ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން،" އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓުދޭން ފެށީ 8:45 ހާއިރު އެވެ. ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ 80 ޕަސެންޓަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެ، އަނެއްކާ ވެސް ކަރަންޓު ކެނޑެންފެށި އެވެ.

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުމުން މީޑިއާ ނެޓުން ދެމުން އަންނަ ކޭބަލް ޓީވީގެ ހިދުމަތް މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެއިން ވެސް ކެނޑުނެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ބެކަޕް ބެޓެރީގެ ޗާޖު ހުސްވެގެން މޮބައިލް ފޯނުގެ ޚިދުމަތް ވެސް މެދުކެނޑުނެވެ.

މާލެއިން ކަރަންޓު ކެނޑުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާކުރި އެވެ.