އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗް ރާޅެއްގައި ޖެހި ކަނޑަށް ވެއްޓުނު ކުއްޖާ ހޯދަން އެމްއެންޑީއެފްއިން އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވަ އެވެ. އަދި ރާޅު އެރުމާއި ގުޅިގެން ތިން މީހަކު މޫދަށް ވެއްޓުނު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާ ކަމަށާއި ހަތަރު އަހަރުގެ ކުއްޖަކު އަދިވެސް ފެނިފައިނުވާ ކަމަށެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު ކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެއް ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތަށް އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުންޏެވެ.

އެގޮތުން ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށް ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެދޭ ކަމަށް ބުންޏެވެ.