އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗް ރާޅެއްގައި ޖެހި ކަނޑަށް ވެއްޓުނު ކުއްޖާގެ މަންމަ މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކަނޑަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ސަލާމަތްކުރި އެކަކެވެ. ފުލުހުން ބުނީ އެ އަންހެން މީހާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައިވަނީ އުމުރުން 33 އަހަރުގެ، މާލޭ، މ. ގްރީން، މަރިޔަމް ނާހިދާ އެވެ.

އޭނާ މަރުވެފައިވާ އިރު، އެ ލޯންޗުން ދަތުރުކުރި އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ގެއްލިފަ އެވެ. އެއީ މަރުވި މީހާގެ ދަރިއެއްކަން ވަނީ ކަށަވަރުވެފަ އެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވަ އެވެ. އަދި ރާޅު އެރުމާއި ގުޅިގެން ތިން މީހަކު މޫދަށް ވެއްޓުނު ކަމަށެވެ.

ލޯންޗުގައި ދެ ކުޑަކުދިންނާއެކު 12 މީހުން ތިބިކަމަށާއި، އެ ލޯންޗު މިހާރު މާލެ އަތޮޅު ގުރައިދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެ އެވެ.

އަދި އެސަރަހައްދުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.