ރާއްޖެއަށް ކަނޑުމަގުން 100 ކިލޯއަށް ވުރެން ގިނަ އަދަދެއް މަސްތުވާތަކެތި އެތެރެކުރުން އުޅުނު މައްސަލާގައު ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 10 މީހުންގެ ތެރެއިން އަށް މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ) އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ޙަބީބު (25އ) އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު (34އ) ވަނީ ދިހަ ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހދ. މަކުނުދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް، ޑީއެމް މޮބިން (24އ) ވަނީ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި، ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވަނީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އަށް މީހުންގެ އިތުރުން، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިތުރު ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި ފުލުހުންގެ ފަރާތުން މިހާރު ވާނީ އެދިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެ އެވެ. އެގޮތުން، 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައި ވަނީ ފަޅު ރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓަ އެވެ. މި އޮޕަރޭޝަންގައި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ އެހީތެރިކަން ލިބިފައިވާކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަކުރެ އެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެ އެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.