ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓު ވީޓެއްގައި ވިދާޅުވީ، މިދިޔަ 24 ގަޑިއިރު ތެރޭ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްއާއި، ޑްރަގް އިންޓެލިޖެންސް އަދި މެރިން ޕޮލިސްގެ އިތުރުން ފޮރެންސިކްސް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި އެކި ތަންތަން ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރޭގައި 10 ތަނެއް ބަލާފާސްކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ. މިގޮތުން ފުލުހުން ބެލި ބެލުމުގައި 100 ކިލޯއާ ގާތްކުރާ އަދަދަކަށް ހެރޮއިން އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރަށް ހަމީދު ވިދާޅުވީ، އޭނާ އެ އޮޕަރޭޝަން ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށެވެ.

ހަމަ އެހެންމެ މިފަދަ ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކުރުމަށްޓަކައި، ފުލުހުން ކުރި ބުރަ މަސައްކަތަށް އޭނާ ވަނީ ތަރުހީބު ދެއްވާފަ އެވެ.

މިހާތަނަށް މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކޮން ބައެއް ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވާއިރު، އޮޕަރޭޝަން ހިންގާފައިވާ ސަރަހައްދުތަކާއި، އޮޕަރޭޝަންގައި ފާހަގަކުރެވިފައިވާ އިތުރު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.