ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލުމުން ރާއްޖޭގެ އިގުތިސާދަށް ގެއްލުވި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން އެކަމަށް ވަރުގަދަ ރައްދެއް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ދެއްވައިފި އެވެ.

އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއާޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސްކަން ވެސް ކުރައްވާ އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ މިފަހުގެ ތާރީހެއްގައި އެއްވެސް ސަރުކާރަކުން ނިންމި އެންމެ މުހިންމު، އެންމެ ރަނގަޅު އެއް ނިންމުން ކަމަށެވެ. އެއީ ހުރިހާ ގޮތަކުންވެސް ދިވެހި ގައުމަށް ފައިދާ ހުރި ނިންމުމެއް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"ޖީއެމްއާރުއިން ބޭނުންވިގޮތަށް އެއަރޕޯޓްގައި ޓާމިނަލް އެޅުމަށް ފުރުސަތުދިންނަމަ، އެއަރޕޯޓްގައި ދެވަނަ ރަންވޭއެއް އެޅުމުގެ ފުރުސަތު އެއްކޮން ބަންދުވީ. އިތުރު ރަންވޭއަކާ ނުލާ ޑިމާންޑާ އެއްވަރަށް އެއާޕޯޓަށް އިތުރު އެއަރލައިންތައް ގެނައުމުގެ ފުރުސަތު ބަންދުވީ،" އުޝާމް ވިދާޅުވި އެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ އެއާޕޯޓް ޕްރޮޖެކްޓަކީ ދައުލަތުގެ ބަޖެޓުން ފައިނޭންސްކުރާ ޕްރޮޖެކްޓެއްކަމަށް ބުނުމަކީ ހަގީގަތާހިލާފް ވާހަކައެއް ކަމަށެވެ. އަދި މިޕްރޮޖެކްޓްގެ ލޯނުތަކަކީ އެމްއޭސީއެލްއިން ނަގާފައިވާ ލޯނިތަކެއް ކަމަށާއި އެކުންފުނިން ފައިސާ ދައްކާ ލޯނުތަކެއް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލިއިރު އެމްއޭސީއެލް އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އެމްއޭސީއެލްއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން ދިޔަ ކުންފުނި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލިއިރު އެމްއޭސީއެލް އޮތީ ދަރައި، ބަނގުރޫޓުވުމުގެ މަގުމަތީގައި. 2018 ގައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްއޭސީއެލްއަކީ އަހަރަކު 4.5 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދިޔަ، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި ކުންފުނި،" އުޝާމް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޓުވިޓާގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އަދި އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއާޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ޖީއެމްއާރަށް އެއާޕޯޓު ދިނުމުގައި ފާޑުކިއުންތައް އަމާޒުވެފައިވީނަމަވެސް އެކަން ދިފާއުކުރަން ފިނޭންސް މިނިސްޓަރު އަމީރު ދަނީ މަސައްކަތް ކުރައްވަމުން ނެވެ. މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އަމީރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.