ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް "ވިޔަރެސް" ހައުސިން މަޝްރޫގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައިފައިވާ ފަރާތްތަކާ ދެމެދު ހަދާފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" 4.3 ވަނަ މާއްދާގެ ދަށުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ލިޔުން ހުށަހަޅައި އެ ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ "ވިޔަރެސް"ގެ އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

އެހެންކަމުން ވިނަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 3:30ގެ ކުރިން ރަޖިސްޓާ ވުމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި ރަޖިސްޓާވާ ފަރާތްތަކަށް، ވިނަރެސްގެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ތިން ހާސް ހައުސިން ޔުނިޓު އެޅުމަށް ސީލައިފާ އެކު އެޗްޑީސީން އެއްބަސްވެފައި ވަނީ 2014ވަނަ އަހަރުގަ އެވެ. ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް ސީލައިފުން ވަނީ އެތައް ބައެއްގެ އަތުން ބުކިން ފީއާއި ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގައިފަ އެވެ. އަދި މި މައްސަލައިގައި ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކަށް އެޗްޑީސީން ވަނީ އެ ފައިސާ ރީފަންޑް ކޮށްދީފަ އެވެ.