ދިވެހި ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު މާ ވަރުގަދަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ކުރިއަށްދިޔަ ދިފާއީ ދާއިރާގެ ބައްދަލުވުމެއްގައި ދެއްވި ވީޑިއޯ މެސެޖެއްގައި މާރިޔާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު މިއަދު އޮތް ގުޅުން ކުރިއަށް ވުރެ މާވަރުގަދަ ކަމަށާއި، އިންޑިއާއަކީ ރާއްޖެއިން ގޮވާލި ކޮންމެ ކަމެއްގައި ވެސް އެންމެ އަވަހަށް އެހީތެރިވާ ގައުމު ކަމަށެވެ.

މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ހަމައެކަނި ތާރީޚާއި ސަގާފަތާއި ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫން ކަމަށާއި ރާއްޖެއިން އެހީ ބޭނުންވާ ކޮންމެ ފަހަރަކު އަދި ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލަނީ އިންޑިއާ ކަމަށެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި އެންމެ ފަހުން ކޮވިޑް 19ގައި ދިން އެހީތަކަށް ބެލިކަމުގައިވިޔަސް އިންޑިއާއިން ރާއްޖެއަށް އެހީތެރިވެފައިވަނީ އެންމެ އަވަހަށް ކަމަށާއި އެކަންކަން އެހެރީ ފެންނާން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީގެ ހުރިހާ ދާއިރާއަކުން އިންޑިއާ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ ޝުކުރު އިންޑިޔާއަށް ފޮނުވާފައިވާއިރު އިންޑިޔާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އަދި ޑިފެންސް މިނިސްޓްރީން ވަޒީރު މާރިޔާ ސޮއިކުރައްވާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާނެ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން ހާމަކުރުމަށް ވެސް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.