ބ. އޭދަފުށީގައި ރޭ ފުޓުބޯޅަ މެޗެއް ކުޅެން ހުއްޓާ މެއަށް ތަދެއް އަރައިގެން މާލެ ގެނައި ފުލުސް މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މިރޭ ނިޔާވެއްޖެ އެވެ.

ނިޔާވީ ފުލުހުންގެ ނޯތު ޑިވިޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ބ. ހިތާދޫ، އުރަހަ، އިސްމާލް ނަދީމެވެ.

ނަދީމް 37، ނިޔާވީ އޭދަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ހަށިހެޔޮ ފުޓްސަލް މުބާރާތް ހުޅުވި މެޗްގައި ކުޅެން ހުއްޓާ މެއަށް ތަދެއް އަރައިގެން މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް މިރެ އެވެ.

މެޗު ކުޅެން ހުއްޓާ މެއަށް ތަދެއް އެ ވަގުތު ފަރުވާ ދިނުމަށް، ބ. އަތޮޅު ހޮސްޕިޓަލުގައި ގެންދިއުމަށްފަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ ރޭ ދަންވަރު 2:15 ހާއިރު ކަމަށްވެ އެވެ.

ނަދީމް ނިޔާވީ ސީދާ ކިހިނެތް ވެގެން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް އޭނާއަކީ ހިތުގެ މައްސަލައެއް ހުންނަ މީހަކަށް ވާތީ ފިޒިކަލް އެކްޓިވިޓީ މަދުކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށްވެ އެވެ.