ދުބާއީގައި ކުރިއަށްދާ ވޯލްޑް އެސްޕޯގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ބޮޑު ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން އަދި ދައުލަތުގެ މީޑިއާ ވެސް ބައިވެރިކުރެ އެވެ.

މިދަތުރުފުޅުގައި، އެކްސްޕޯގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޔޫ.އޭ.އީގެ ސަރުކާރުން ދެއްވާ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން 26 އޮކްޓޫބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއަށްފަހު ކިއު.އެންޑް.އޭ ޕެނަލް އެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ އާއިލާތަކާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2021 ގައެވެ. އަދި މި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މާލެ ވަޑައިގަންނަވާނެ ކަމަށާއި، 29 އޮކްޓޫބަރު 2021 ވާ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ދުބާއީއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

އަދި މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ މިހާތަނަށް 100 މިލިއަނަށްވުރެ ގިނައި ރުފިޔާ ހަރަދުވެފައިވާކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ދާދި ފަހުން އ.ދގެ އާއްމު މަޖިލީހުގެ ބައްދަލުވުމަށްވެސް ރައީސް ސާލިހު ވަޑައިގެންނެވީ ވަރަށް ބޮޑު ވަފްދަކާއެކުގަ އެވެ.