ޕޮލިސް ބޯޑުން އަންގައިގެން ވަކިކުރި ހަތް ފުލުހުންގެ ތެރެއިން ފަސް ފުލުހުންގެ ވަޒީފާ ދެމަހައްޓަން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ ހުކުމުގައި ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) އާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު (ޖަމްބެ)އަށް އިންސާފެއް ނުލިބި އޮތުމުން ބައެއް ގާނޫނީ ފަރާތްތަކުން ފާޑުކިޔަން ފަށައިފި އެވެ.

ހައިކޯޓުގެ ހުކުމުގައި ގޮތެއް ކަނޑައަޅައި ނުދިން ދެ އޮފިސަރުން ވަނީ، ވަޒީފާގެ ނޯޓިސް ހަމަވުމުގެ ފަސް ދުވަސް ކުރިން ސިވިލް ކޯޓުގައި މައްސަލަ ރަޖިސްޓްރީ ކޮށްފަ އެވެ. ނަމަވެސް ނޯޓިސްގެ މުއްދަތު ހަމަވެ، ވަޒީފާއިން ވަކިކުރިއިރު ވެސް ސިވިލް ކޯޓުން ވަނީ، އެދުނު ވަގުތީ އަމުރެއް ނެރެ ނުދީފަ އެވެ.

ކަންމިހެން އޮތްއިރު މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކަމަށް ރިއާޔަތް ކުރާނެ އެއްވެސް ހަމައެއް ހައިކޯޓުގެ މި މައްސަލަ ބެލި ބެންޗަށް ނުފެނުނީ، ގާނޫނީ ގޮތުން ކޮން ހުރަހެއް އޮވެގެންތޯ މިވަނީ ސުވާލު އުފެދިފައި ކަމަށް ބައެއް ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުދިން ސަބަބެއް ކަމަށް ބަޔާންކުރީ އެ ކޯޓަށް ހުށަހަޅާފަ އޮތް ޕޮލިސްބޯޑުން ވަޒީފާއިން ވަކިކުރަން ނިންމި މައްސަލައަށް އަސްރުކޮށްފާނެ ކަމަށް ބުނެ އެވެ. ނަމަވެސް ހައިކޯޓުގެ ހުކުމުގައި އެފަދަ އަސަރެއް އަންނާނެ ފުރުސަތު ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައި ވަނީ ހަތް އޮފިސަރުންނެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި، ޗީފް ސުޕްރިންޓެންޑެންޓް ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

މި އޮފިސަރުންނަށް ފިޔަވަޅު އަޅަން ޕޮލިސް ބޯޑުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓަށް ފަސް އޮފިސަރެއްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަރިޔަމް ނިހާޔަތުގެ ދިވެހި ޗޭމްބާޒް ލޯ ފާމުންނެވެ.