ބެއިޖިންގް (28 އޮކްޓޯބަރު) - އަނދަވަޅަކަށް ވެއްޓިފައިވާ އަފްޣާނިސްތާނުގެ އިގްތިސާދު އާރާސްތު ކުރަން އެހީ ވުމަށް ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް ޗައިނާއިން ގޮވާލައިފި އެވެ.
އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ފޮރިން މިނިސްޓަރު ވެންގަ ޔީ ވަނީ ބައިނަލްއަގުވާމީ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނަށް މާލީ އެހީ ދިނުމަށް ވޯލްޑް ބޭންކްއަށާއި އައިއެމްއެފްއަށް އިލްތިމާސް ކޮށްފަ އެވެ.
މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން ވެރިވެގތުމާއެކު ސެންޓްރަލް ބޭންކުގައި ހުރި އެގައުމުގެ ބިލިއަނަކަށް ވުރެ ގިނަ އެސެޓްސް ފްރީޒް ކޮށްފައިވާއިރު ބައިނަލް އަގުވާމީ ގޮތުން ލިބެމުން އައި މާލީ އެހީތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ވެންގް ވިދާޅުވީ އަފްޣާނިސްތާނުގެ ބޭންކުތަކުން ލާރި ހުސްވަމުން ދާއިރު އާއްމުންނަށް ދޭންވާ މުސާރައާއި އިނާޔަތްތައް ވެސް ނުދެވުމުގެ ސަބަބުން އަސާސީ ހައްގުތައް ގެއްލިފައިވާ ކަމަށެވެ.
އަފްޣާނިސްތާނުގެ އިގްތިސާދު މިއަހަރު 30 ޕަސެންޓް ދަށަށް ދާނެ ކަމަށާއި އޭގެ ސަބަބުން އިގްތިސާދީ ކުއްލި ހާލަތެއް މެދުވެރިވުން ގާތް ކަމަށް އައިއެމްއެފްއިން މިދިޔަ އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.
"އަފްޣާނިސްތާނަށް މިވަގުތު އެންމެ މުހިއްމީ ބައިނަލްއަގްވާމީ އެއްބާރުލުމާއި އެހީތެރިކަން. އަފްޣާނިސްތާނަށް އެހީވުމުގައި މިވަގުތު މޫނު އަނބުރާލައިގެން ނުވާނެ،" ވެންގް ވިދާޅުވެފަ އެވެ.
އެއާއެކު ވެންގް ވަނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އަފްޣާނިސްތާނަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ނެގުމަށް ވެސް އެގައުމުތަކަށް ގޮވާލާފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް