ނިއު ދިއްލީ (28 އޮކްޓޯބަރު) - ނިއުކްލިއާ ވާހެޑްއެއް އުފުލުމުގެ ބާރު ލިބިގެންވާ ބެލިސްޓިކް މިސައިލްއެއް އިންޑިއާއިން ޓެސްޓު ކޮށްފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އަގްނީ-5ގެ ނަމުން ނަން ދީފައިވާ މި މިސައިލް ލޯންޗު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އިންޑިއާގެ އިރުމަތީ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އަބްދުލް ކަލާމް އައިލެންޑުންނެވެ. މިސައިލް ވަނީ 5،000 ކިލޯމީޓަރަށް ދަތުރު ކުރުމަށްފަހު ބޭ އޮފް ބެންގާލްގެ ސަރަހައްދަކަށް ވެއްޓިފަ އެވެ.

"މި ޓެސްޓަކީ އިންޑިއާއިން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވުނު ވަރަށް ކާމިޔާބު ޓެސްޓެއް،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

17 މީޓަރު ދިގު މި މިސައިލް މީގެ ކުރިންވެސް އެތައް ފަހަރަކު ޓެސްޓު ކުރެވިފައި ވީ ނަމަވެސް މިއީ ރޭގަނޑުގެ ވަގުތެއްގައި މިސައިލް ޓެސްޓުކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި އިންޑިއާއިން ނިއުކްލިއާ ޓެސްޓުތައް ކުރުމަކީ މަޝްރަހު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އެ ދެގައުމުން ވެސް ވަނީ މިފަހަކަށް އައިސް ދެގައުމުގެ މެދުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ދެގައުމު ގުޅޭ ބޯޑަރު ކައިރީގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފަ އެވެ.

އިންޑިއާއިން އަންނަނީ އެގައުމުގެ ނިއުކްލިއާ ބާރު ވަރުގަދަ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެެވެ. އެގޮތުން އެގައުމަކީ ރަޝިއާއިން އުފައްދާ ނިއުކްލިއާ ހާޑްވެއާ ގަންނަ އެންމެ ގިނައިން ގަންނަ އެއް ގައުމެވެ.

އެމެރިކާ، ރަޝިއާ އަދި އުތުރު ކޮރެއާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން ހައިޕަސޮނިކް މިސައިލް ޓެކްނޮލޮޖީތައް މީގެ ކުރިން ޓެސްޓު ކޮށްފައިވާއިރު އިންޑިއާއިން ވެސް އަންނަނީ މި ޓެކްނޮލޮޖީ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.