ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނެއްކާ ވެސް ބިލެއް ހުށައަޅައިފި އެވެ.
މި ބިލު ހުށައެޅުއްވީ ކުރިން ވެސް ޖޭއެސްސީ ބަދަލު ކުރުމަށް ބިލު ހުށައެޅުއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ.
މިފަހަރުގެ ބިލު ތޯރިގު ހުށައަޅުއްވާފައިވަނީ ކުރިން ހުށައެޅުއްވި ބިލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އެވެ. އެ ބިލުގެ ފުރަތަމަ ކިއުން މިއަދު މަޖިލީހުގައި ވަނީ އިއްވާފަ އެވެ. މިފަހަރުގެ ބިލަށް ގެނައި މައިގަނޑު ބަދަލުގައި ޖޭއެސްސީގައި އެއްވެސް ސިޔާސީ ބޭފުޅަކު ނުހިމެނެ އެވެ.
އަލަށް ހުށައަޅާފައިވާ އިސްލާހުގައި ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރި ކަމާއެކު މުސްކުޅި ކުރައްވާފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން ފަނޑިޔާރަކާ، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކުނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ އަންހެން ގާނޫނީ ވަކީލަކު ހިމެނުމަށް ހުށައަޅާފައިވެ އެވެ. އަދި ރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކާއި، ރާއްޖޭގެ ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކާއި، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހަކާއި، ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން، އިންތިހާބު ކުރާ މީހަކު ހިމެނުމަށް ވަނީ ހުށައަޅާފަ އެވެ.
ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު ހިމެނުމަށް ވެސް ހުށައަޅާފައިވެ އެވެ.
މިހާރު ޖޭއެސްސީ އެކުލެވިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބަންޑާރައި ނައިބު ފަދަ ސިޔާސީ ބޭފުޅުން ވެސް ޖޭއެސްސީގައި ހިމެނެ އެވެ.
ޖޭއެސްސީ އިސްލާހުކުރަން މީގެ ކުރިން ވެސް ތޯރިގު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގެންފައެއް ނުވެ އެވެ.
ޖޭއެސްސީ އިސްލާހު ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދެއް ކަމަށްވީ ނަމަވެސް އެކަމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެގޮތުން ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަކީ އޭރު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރިކަމެކެވެ،
ޖޭއެސްސީ އިސްލާހު ނުކުރާތީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދިއުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ޖޭއެސްސީ އިސްލާހު ކުރާނެ ވަކި ގޮތެއް އެމްޑީޕީން ބުނެފައި ނުވާނެ ކަމަށެވެ.