ކޮންމެ އާ ގުޅުމެއް ވެސް އުފެދިިގެން އަންނާނީ ވަރަށް ބޮޑެތި އުންމީދުތަކާއެކު ވެ. އެހެން ނަމަވެސް މީހުންނާ އެއްވަރަށް ގުޅުންތަކަކީ ވެސް ގިނަ ފަހަރަށް ވަރަށް "ވާނުވާ" ނޭނގޭ އެއްޗެކެވެ.

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމަކާ މެދު އުފެދޭ އިހުސާސުތައް ހާމަކުރުން ވެސް ވެގެންދަނީ ގިނަ މީހުންނަށް ވަރަށް އުނދަގޫ ކަމަކަށެވެ. އެގޮތުން ލޯބިވެޔޭ ބުނާނެ ރަނގަޅު ވަގުތެއްގެ އިންތިޒާރުގައި އެތައް ދުވަހެއް ހޭދަވެގެންދެ އެވެ. އެހެން ކަމަށްވާ ނަމަ މިބުނާ ރަނގަޅު ވަގުތަކީ ކޮބައިހެއްޔެވެ؟

ގިނަ ފަހަރަށް "ލޯބިވޭ" ބުނުމުން އެކި މީހުންނަށް އެކީ މާނަ ދޭހަވެ އެވެ. އަދި ބައެއް މީހުން މި އިބާރާތްކޮޅު އެކި މާނާގައި ވެސް ބޭނުންކުރެ އެވެ. ބައެއް ފަހަރު މީހަކުކުރާ ކަމަކާ މާބޮޑަށް ގަޔާވުމުން ވެސް ލޯބިވެޔޭ ބުނެފާނެ އެވެ. މިހެން ބުނާ އިރު ބައެއް ފަހަރު ލޯބި އެ މާނަކުރެވެނީ އިޝްގީ ލޯތްބަށް ކަމަށް ނުވެ ވެސް ހިނގައިދާނެ އެވެ.

އެހެން ކަމުން ތިމާއާއި ތިމާގެ ބައިވެރިޔާއާއި ދެމެދުގައި އޮތް ގުޅުން ރަނގަޅަށް ދެނެގަނެ، އެ ގުޅުން ދޮންވެ ފައްކާވަންދެން މަޑުކުރުން ބުއްދިވެރި އެވެ. އަދި އެއީ ކޮންމެ މީހެއް ކަމަށްވިޔަސް އެ މީހަކު އެމީހެއްގެ ގޮތުގައި ބަލައިގަންނަން ވާނެ އެވެ. އަނެކާ ދެކެ ލޯބިވެޔޭ ބުނާނީ ހަގީގަތުގައި ވެސް ލޯބިވާނަމަ އެވެ. އެހެން ނޫން ނަމަ އެމީހަކަށް ތިދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ.

ލޯބިވާކަން ހާމަކުރެވެނީ ހަމައެކަނި އަނގައިން ބުނެގެންނެއް ނޫނެވެ. ގިނަ ފަހަރަށް ތިމާއާ ދޭތެރޭ އެ މީހެއްގެ އަމަލުތައް ހުންނަ ގޮތުން ވެސް އެ މީހަކުވާ ލޯބި ހާމަވެގެން ހިނގައިދާނެ އެވެ.

ބައެއް ފަހަރު އެންމެ ކުރިން ލޯބިވާ ވާހަކަ ބުނާނީ ދެ މީހުން ކުރެ ކާކުތޯ ބެލޭ ފަހަރު އާދެ އެވެ. މިކަހަލަ ސިކުނޑީގެ ގޭމުތަކަށް ނުހެއްލޭށެވެ. ކޮންމެއަކަސް ވަގުތަކީ މުހިއްމު އެއްޗެކެވެ. އެހެން ނަމަވެސް ހިތުގައި ހުރި އިހުސާސުތައް ބޭރުކުރުމަށް ވަކި ވަގުތެއް ނޯންނާނެ އެވެ.

މިކަމުގައި އަމިއްލަ ނަފުސަށް އިތުބާރު ކުރުމަކީ އެންމެ މުހިއްމު ކަމެކެވެ. ލޯބިވާކަން ހާމަކުރުމުން އެ ގުޅުން އިތުރު ހަރުފަތަކަށް ދާނެކަން ޔަގީންކުރެވޭ ނަމަ، އެ ވާހަކަ ނުބުނެ ހުރުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަށް ހަމަގައިމު ވެސް ނުފެނެ އެވެ.

ތިބޭފުޅުން މިކަމާ މެދު ދެކެނީ ކޮން ގޮތަކަށް ހެއްޔެވެ؟