މަސް ދޯންޏަކަށް ތޫނު ހަތިޔާރާއެކު އަރައި އެ ދޯނީގައި ތިބި މީހުންނަށް ބިރުދެއްކި މައްސަލައާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗެހި ހިފައިގެން ބަޔަކު އަރައި ބިރުދައްކާފައި ވަނީ އިއްޔެ އެވެ. އެމީހުން އެކަން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވިއްކާފައިވާ އެ ދޯނީގެ އަގަށްވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާތީ، އެ ދޯނީގެ ވެރިފަރާތުގެ ބެލުމުގެ ދަށަށް ދޯނި ގެންދިޔުމުގެ ގޮތުންނެވެ.

އެ މައްސަލާގައި ރޭ ހައްޔަރުކުރި ތިން މީހުން ކޯޓަށް ގެންދިޔުމުން ވަނީ ދޫކޮށްލާފަ އެވެ.

އެ މައްސަލާގައި މިއަދު ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރެހެނަކާއި 22 އަހަރުގެ ދެ ފިރިހެނެއްގެ އިތުރުން 33 އަހަރާއި 35 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެކަމުގެ ސަބަބުން އެ ދޯނީގައި ތިބި މީހުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް އެމީހުން ބުނެއެވެ. އަދި އެމީހުން ގެންގުޅުނު ތޫނު އެއްޗިހި ދޯނީގައި ބައިތިއްބާފައި ވަނިކޮށް ފުލުހުން ވަނީ އެތަކެތި ގެންގޮސްފަ އެވެ.