ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އަށް ބޭނުންވާ ފައިޒާ ބަޔޯއެންޓެކް ވެކްސިން ހޯދުމަށް ފައިޒާ އެކްސްޕޯޓް ބީވީއާ އެކު "މެނުފެކްޗަރިން އެންޑް ސަޕްލައި" އެއްބަސްވުމެއްގައި ސޮއިކުރުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި މި މަހުގެ 10 ވަނަ ދުވަހު ނެރުއްވި ގަރާރެއްގައިވާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާތީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ބަލިން އަރައިގަތުމަށް ބޭނުންވާ ފައިޒާ ވެކްސިން ހޯދުމަށް ސަރުކާރުން ނިންމީ އެވެ.
އެ ގަރާރުގައި ބުނީ ފައިޒާ ވެކްސިނަށް މުޅި ދުނިޔެ ޖެހިފައިވާތީ އެ ވެކްސިން މި ވަގުތު ވަކި ބައެއްގެ އަތުން ނޫނީ ލިބެން ވެސް ނެތް ކަމަށެވެ. އަދި ވެކްސިން ދޫކުރަމުންދަނީ ޕްރޮކިއުމަންޓްގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށް މި އެއްބަސްވުމުގައި ކޮންމެހެން ސޮއިކުރަންޖެހޭ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެހެންވެ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ގަރާރުގައި ބުންޏެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުން އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމި މާއްދާތައް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދު 10.43 ވަނަ މާއްދާ
- ދައުލަތުގެ މާލިއްުޔަތު ގަވާއިދުގެ 10.52 ވަނަ މާއްދާ
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.67 ވަނަ މާއްދާ
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.71 ވަނަ މާއްދާ
ފިނޭންސް މިނިސްޓަރުގެ އެ ގަރާރުގައި މާލިއްޔަތު ގަވައިދުގެ އެ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށް އެ ކުންފުންޏާ އެކު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތަށް ކަމަށާއި އެ އެއްބަސްވުމުގެ މުއްދަތުގައި އަމަލުކުރާނީ އޭގައިވާ ގޮތަށް ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ވަނީ އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ވެސް އަންގައިފަ އެވެ.
ކޮވިޑާ ދެކޮޅަށް އުފެއްދި އެންމެ ކާމިޔާބު ވެކްސިން އިތުރަށް ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކުރަން ނިންމިއިރު ރާއްޖޭގައި ވެކްސިންގެ ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ދެނީ ވެސް ހަމައެކަނި ފައިޒާ ވެކްސިނުންނެވެ. އެކަމަކު މި ވަގުތު ބޫސްޓާ ޑޯޒް ދެނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލި ޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް އެކަންޏެވެ.
ރާއްޖޭގައި މިވަގުތު ބޫސްޓާ ޑޯޒުގެ ގޮތުގައި ފައިޒާ ވެކްސިން ޖަހަމުން ގެންދަނީ އެމެރިކާއިން ހަދިޔާކުރި ވެކްސިނެވެ.