ނިއުދިއްލީ (15 ނޮވެމްބަރު) - އިންޑިއާގެ ވެރިކަންކުރާ ނިއު ދިއްލީގެ ވައި ކަންބޮޑުވާންޖެހޭ މިންވަރަށް ތަޣައްޔަރު ވެފައިވާ ކަމަށް ބުނެ ވަގުތީ ގޮތުން އެ ސަރަހައްދުގެ ކަންކަން ހުއްޓުމަކަށް ގެނައުމަށް ދިއްލީގެ ހައި ކޯޓަކުން އެ ސަރަހައްދުގެ އިދާރާތަކަށް އަމުރު ނެރެފި އެވެ.

ދިއްލީގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި ދުން ބޯވުމުގެ ސަބަބުން ގޭތެރޭގައި ވެސް މާސްކު އަޅައިގެން އުޅެން ޖެހިފައިވާ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރަކު ވަނީ ވިދާޅުވެފަ އެވެ.

މިދުވަސްވަރުގެ މޫސުން ހުރި ގޮތުން ވަޔާއެކު ދިއްލީގެ ހާލަތު ކުރިއަށްވުރެ ގޯސްވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު ތިމާވެށްޓާ ބެހޭ މާހިރުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި ސަބަބަށްޓަކައި ނިއުދިއްލީގެ ސްކޫލްތައް ހަފްތާއެއްގެ މުއްދަތަށް ބަންދުކޮށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން ވެސް ވަނީ ހަތަރު ދުވަހަށް މަނާކޮށްފަ އެވެ. އެއާއެކު ސަރުކާރުގެ މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައި އަމިއްލަ އޮފީސްތަކުން ވެސް އެގޮތަށް އަމަލު ކުރުމަށް އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ދިއްލީގެ ވައި އެހާ ބޮޑަށް ތަޣައްޔަރުވާން މެދުވެރިވަނީ ކައިރި އަވަށްތަކުގެ ދަނޑުތަކުގައި ރޯކުރާ އަލިފާންގަނޑުތަކުގެ ދުމުންނާއި އެއްގަމު އުޅަނދުތަކުން އުފައްދާ ދުމުންނެވެ.

ނިއު ދިއްލީއަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް ވައި އެންމެ ތަޣައްޔަރު ވެފައިވާ ވެރިރަށެވެ. ނިއު ދިއްލީގައި ދިރިއުޅޭ އާބާދީގެ ގިނަ މަރުތަކަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން މަރުވާ މީހުންނެވެ. – ދަ އިންޑިޕެންޓެންޓް