އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ އިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން އެހެން ޢިމާރާތަކަށް ބަދަލުކޮށްދިނުމަށްއެދި ގޮވާލައިފި އެވެ. އެ ސްކޫލްގެ އިމާރާތުގައި ރެނދުލާފައި ހުރި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފްއާއި ޑރ. މުހައްމަދު އަލީ ޝަހީމްވެސް ވަނީ ވަނީ އެތަނުގެ ބައެއް ފޮޓޯތަކާއެކު ޓްވީޓްކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިފަދަ ބިރުވެރި ޙާލަތެއްގައި ކުދިންނާއި ބެލެނިވެރިން ބައިތިއްބަވަން ނުހައްދަވާ އެހެން ޢިމާރާތަކަށް ސްކޫލާއި ކުދިން ބަދަލުކޮށް ދެއްވުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އަރަބިއްޔާ ސްކޫލްގެ މިހާލަތާ ގުޅިގެން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޢަރަބިއްޔާ ސްކޫލް ޢިމާރާތުގައި ރެނދުލާފައި ހުރުމުގެ ސަބަބުން އެ ސްކޫލް އިމާރާތުގެ އެސެސްމަންޓެއް ދެފަހަރަކު ހަދާފައިވާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމާރާތް މަރާމާތުގެ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މީގެ ކުރިންވެސް ހާމަކޮށްފަ އެވެ.