ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އަލަތު ކައިވެނީ ކެޓަގަރީގައި ފްލެޓް ލިބިފައިވާ މީހުންނަށް ފްލެޓް ލިބިދާނެކަމުގެ އިޝާރާތެއް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމު ދެއްވައިފި އެވެ.

ހިޔާ މަޝްރޫގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސަރުކާރު ބައެއް ކުންފުނިތަކާއި މުވައްސަސާތަކަށް ހަވާލުކޮށްގެން އަޅަމުންދާ ފްލެޓުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިދިޔަ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އެޅުމަށް ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކަށް ހަވާލުކޮށްފައި ހުރި ތަންތަނުގެ ތެރެއިން މިހާރު ނިމިފައި ހުރި ފްލެޓުތަކުން އެއް ކޮޓަރީގެ އެޕާޓުމަންޓުތައް ހިޔާ މަޝްރޫއުގެ ދަށުން އަލަތު ކައިވެނީގެ ކެޓަގަރީ އަށް ދޫކުރެވިދާނެ ކަމަށެވެ. އަދި ބައެއް ކުންފުނިތަކާއި މުއައްސަސާތަކުން ފްލެޓް އަޅަން ނުފަށާ އެބަހުރި ކަމަށާއި އެހެން ނަމަވެސް އެތަަންތަނުގެ މަސައްކަތް ފެށުމުގެ ވިސްނުމެއް ނެތް ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް އަޅަން ދީފައި ވަނީ ހަމައެކަނި ކުންފުނިތަކަށް ނޫން ކަމަށެވެ. އޭގެ ތެރޭގައި ކަސްޓަމްސް އާއި އެމްއެންޔޫ ފަދަ މުއައްސަސާތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫގެ ދަށުން އެއް ކޮޓަރީގެ ކެޓަގަރީގެ ފްލެޓްތަކާ ގުޅެ ގޮތުން މި ދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން ބުނެފައި ވަނީ އެ ކެޓަގަރީއަށް ދެވޭ ވަރަށް ފްލެޓް ނެތް ކަމަށާއި އެހެންކަމުން އެއްކޮޓަރީގެ ފްލެޓް ދިނުމަށް ހަމަޖައްސާފައިވާ ތިން ކެޓަގަރީއެއް އުވާލަން ނިންމާފައިވާ ކަމަށެވެ.

އެއް ކޮޓަރީގެ ކެޓަގަރީތަކަށް ފްލެޓް ދޫކުރުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށް ފަހުގައި ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.