ކޮވިޑް ވެކްސިން ޖަހާފައިވާ ދިވެހިންނަށް ކަރަންޓީންވާން ނުޖެހޭ ގޮތަށް އަންނަ މަހުގެ 16 ން ފެށިގެން ސިންގަޕޫރަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެ ގައުމުގެ "ގްރީން" ލިސްޓަށް ރާއްޖެއާ އެކު ހަ ގައުމެއް މިއަދުން ފެށިގެން އިތުރު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އިތުރުން ތައިލެންޑާއި ކެމްބޯޑިއާ އާއި ފިޖީ އާއި ސްރީ ލަންކާ އަދި ތުރުކީ އެވެ. ތައިލެންޑް މީހުންނަށް އަންނަ މަހުގެ 14 ން ފެށިގެން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ދަތުރުކުރެވޭނެ އެވެ.

ސިންގަޕޫރަށް ދާ ދިވެހިން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަމަޖެއްސީ ރާއްޖޭގެ ކޮވިޑް ހާލަތު ރަނގަޅުވެފައިވާތީ އެވެ.

ދިވެހިން އާއްމުކޮށް ގޮސް އުޅޭ ސިންގަޕޫރަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދު މިހާރު ވަނީ 27 އަށް އިތުރުވެފަ އެވެ.

ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީޓީއެލް) ސްކީމްގެ ދަށުން، ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކުގައި ވެކްސިން ފުރިހަމަކޮށްފައިވާ ދަތުރުވެރިންނަށް ސިންގަޕޫރަށް އެތެރެވެވޭނީ ކަރަންޓީނު ވުމެއް ނެތި އެވެ. އަދި އެ މީހުން ހަމައެކަނި ޖެހޭނީ ކޮވިޑް-19 އަށް ޓެސްޓު ކުރާށެވެ.