ސަލާމަތީ ކަންކަމުގައި އެއްބާރުލުން ބިނާވެފައި އޮންނާނީ ދެ ގައުމަށް ހަމަހަމަކަމާއެކު ފައިދާ ވާނެ ގޮތަކަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މިއަދު ހެންދުނު ބޭއްވި އިންޑިއާގެ އެޒިމަލާގައި ހުންނަ އޭޝިއާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕެރޭޑް ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މިއީ ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގެ ވަޒީރަކު މި ޕެރޭޑް ޝަރަފުވެރި ކޮށްދެއްވި ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ދިފާއީ ކަންކަމުގައި ދެ ގައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެ ފަރާތުގެ ފައިދާ އާއި، ދެ ގައުމާއި އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށް ކަމަށާއި އައިއެންއޭފަދަ މުއައްސަސާއަކުން ލިބުނު އިލްމާއި ފަންނީ މައުލޫމާތާއި ލީޑަރޝިޕްގެ ހުނަރު ބޭނުންކުރަންވާނީ، މި ސަރަހައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަޒުމާއި ވިސްނުމުގައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިޒަމާނަކީ ދޭދޭ ގައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެގައުމުތައް ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާން ކަމަށާއި ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައިއެންއޭ އިން ތަމްރީނުކޮށްދީފައިވާ އެމްއެންޑީއެފް އޮފިސަރުން، މިއަދު މަތީ ރޭންކުތަކުގައި، ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އައިއެންއޭ އަށާއި އިންޑިޔާ ސަރުކާރަށް ސުކުރުއަދާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި 231 މިޑްޝިޕްމަނުންނާއި ކެޑޭޓުން ވަނީ ދަސްވެނިވެފަ އެވެ.