ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ހުށަހެޅި ބިލު މަޖިލީހުން ފާސްކުރީ 52 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ކަނޑުދަތުރުފަތުރު ކުރުމާއި އެއްގަމު ދަތުރުފަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާއި އެ އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި ދައުލަތުގެ ބަޖެޓުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާ އާއި ގާނޫނީ ގޮތުންނާއި އެއްބަސްވުމުގެ ދަށުން އެ އޮތޯރިޓީއަށް ލިބޭ ހައްގުތަކާއި މަންފާތައްވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުވީ ކަމަށް ވެސް ބުނެފައިވެ އެވެ.