ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ޖަރުމަނުގެ މީޑިއާ ޓީމެއް އަތުވެއްޖެ އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކުންފުނީގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި އެ ޓީމު ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ އަންގާރ ދުވަހާ ހަމައަށް ކަމަށެވެ.

މި ދަތުރުގައި ރާއްޖެ ޓީމުގައި ޖަރުމަންގެ އާންމުންގެ މެދުގައި މަޤްބޫލް އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކުގެ ލިޔުންތެރިން ހިމެނެ އެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައި ވަނީ ސާއި ލެގޫން މޯލްޑިވްސް އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިޒޯޓުގަ އެވެ. މި ޓީމުން މި ރިސޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރަށްފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިއުކުރާނެ ކަމަށެވެ. އަދި މި އާޓިކަލްތައް ޖަރުމަނުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި ބަޖެޓް ޓޫރިސްޓުންނާ ހަމައަށް ފޯރާނެ ކަމަށް ބެލެވޭ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މީގެ ސަބަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރާނެ. މި ފޭމް ޓްރިޕަކީ ޖަރުމަން މާކެޓަށް އަމާޒުކޮށް މިއަހަރު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ދެވަނަ ފޭމް ޓްރިޕެއް. މި ހަރަކާތް ކުރިއަށް ގެންދިޔައީ އެމްއެމްޕީއާރުސީން ޖަރުމަން މާކެޓަށް ގެންގުޅޭ މަކެޓިން ސްޓްރެޓަޖީގެ ދަށުން،" އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ޓްރިޕްގެ ސަބަބުން މި މާކެޓުގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޯށްދެވޭނެ ކަމަށެވެ. މިގޮތުން ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސް އަދި ލިވަ ބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ޓޫރިސްޓުންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

ޖަރުމަނަކީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ތަފާސް ހިސާބުތަށް ދައްކާގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.15 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، މީގެ ތެރެއިން 81,742 ޓޫރިސްޓުންނާއެކު 7.2 ޕަސެންޓް ހިއްސާކުރަނީ ޖަރުމަން ޓޫރިސްޓުންނެވެ.