މިދިޔަ އާދީއްތަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯން ކުރިމަތިން ރޫޓު ފިހާރައިގެ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާތަކެއް ފޭރެން އުޅުނު މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

އެ ފައިސާތައް ފޭރެން އެ މީހުން އުޅުނީ ހެލްމެޓް އަޅައިގެން ތިބެއެވެ. ބޭންކަށް ޖަމާކުރަން އެދުވަހު ގެންދިޔައީ 4.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަމަށް ރޫޓު ފިހާރައިން މިއަދު ބުންޏެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

އެ ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.