ރޭގެ ވަގުތެއްގައި ބަޔަކު ތާޖުއްދީން ސުކޫލު ފަޅައިލައި ވައްކަންކޮށްފި އެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ އެ ސްކޫލް ފަލައިލައި ވައްކަންކުރީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. އަދި ސްކޫލް ފަޅާލައި ސްޓާފްރޫމަށް ވަދެފައިވާ ކަމަށާއި، އެ ތަނުގައި ހުރި ޓީޗަރުންގެ ޓެބްލެޓުތައް ވަގަށް ނަގާފައިވާ ކަމަށްށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ތާޖުއްދީން ސްކޫލް ފަޅާލައި ވައްކަން ކުރިކަމުގެ މައްސަލަ، މިއަދު ހެނދުނު 10.48 ގައި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް މާލޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ މައްސަލަތައް މަދުކުރުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ފުލުހުން މީގެ ކުރިން އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ފައިސާގެ މުއާމަލާތްތައް ކުރާއިރު ރައްކާތެރި ފިޔަވަޅުތައް އަޅައި، އެކައުންޓްގެ މައުލޫމާތު ފަދަ މުހިންމު އެއްޗެހި ގިނަ މީހުންނާއި ހިއްސާ ނުކުރުމުގެ އިތުރުން ގޭގެއިން ވައްކަންކުރުން ހުއްޓުވުމަށް ގޭތަކުގައި ރައްކާތެރި ފިޔަވަޅު އެޅުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.