ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓައިދޭން ދައުލަތުން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއަކާއި ރިޝްވަތުގެ ދެ ދައުވާއެއް ދައުލަތުން އޮތީ އުފުލައިފަ އެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އޭގެ ތެރެއިން ފުއްގިރި މައްސަލައިގައި އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ވަނީ އެދިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ ޕާސްޕޯޓު، ޝަރީއަތް ނިމެންދެން ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވާތީ އެވެ.

ދައުލަތުގެ ފަރާތުން މިއަދު ކޯޓުގައި ބުނެފައި ވަނީ ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ އެމަނިކުފާނު ކުށެއް ކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެ ކަމަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ޔާމީންގެ ދެ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދިފައިވާއިރު، އެ ދެ ޕާސްޕޯޓްގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށެވެ. އަދި އެކަން ދައުލަތަށް އެނގޭތޯ ގާޒީ ސުވާލު ކުރެއްވި އެވެ. މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ކަން އެނގޭ ކަމަށާއި އެކަމަކު އެ ޕާސްޕޯޓް ހިިފަހައްޓަން އެދުނީ ޕާސްޕޯޓް އާކޮށްގެން ފުރާވަޑައިގަތުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި ޕާސްޕޯޓް ނުހިފަހައްޓާ ނަމަ، ކޮންމެ ވަގުތަކު ވެސް ޕާސްޕޯޓް އާ ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތަށް ނޭނގި، ޕާސްޕޯޓް އާ ކޮށްގެން މީހަކަށް ރާއްޖެއިން ބޭރަށް ދެވިދާނެތޯ އާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން މީހަކަށް ފުރައިގެން ދެވިދާނެތޯ ވެސް ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނިގޮތުގައި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ފުރައިގެން ނުދެވޭނެ އެވެ. އެކަމަކު އެފަދަ ޕާސްޕޯޓެއް ހިފަހައްޓަން ކޯޓުން އަމުރު ނެރެފި ނަމަ، އެ ޕާސްޕޯޓް އާކުރަން ހުށަހެޅުމުން އެކަން ދައުލަތަށް އެނގޭނެ ކަމަށާއި އޭރުން އާ ޕާސްޕޯޓް ވެސް ހިފަހައްޓަން އެދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު އެކަމާ މެދު ގޮތެއް ނިންމަވަމުން އިސް ގާޒީ ޝަކީލް ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި އޮތުމުން އެ މަނިކުފާނު ފުރުން މަނާކުރަން ޖެހޭ ކަމަށް ދައުލަތުން ބުންޏަސް، ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބެލެވޭ ހެއްކެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހިފަހައްޓަން އެދޭ ދެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކަކަށް ވާއިރު، ވުޖޫދުގައި ނެތް ޕާސްޕޯޓްތަކެއް ހިފެހެއްޓޭނެ އަސާސެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

އިސް ގާޒީ ވިދާޅުވީ ޔާމީން ފުރައިވަޑައިގަތުމަށް އުޅުއްވާކަމުގެ ހެއްކެއް ނެތްއިރު، އެ މަނިކުފާނަކީ ކޯޓަށް ގަވާއިދުން ހާޒިރުވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެދެވެން ނެތް ކަމަށް ނިންމެވީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ޕާސްޕޯޓް ހައްދައިގެން ރާއްޖެއިން ބޭރަށް ފުރަން މަސައްކަތްކޮށްފި ނަމަ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރުމާ އެކު، އެ މަނިކުފާނުގެ ޕާސްޕޯޓް ހަތް ދުވަހަށް ހިފެހެއްޓުމުގެ އަމުރެއް ދައުލަތުން އެދިގެން ކްރިމިނަލް އޭރު ކޯޓުން ނެރުނެވެ. އެ އަމުރު މުއްދަތު މާދަމާ ހަމަވާނެ އެވެ.

މިއަދު ހެނދުނު ފެށި ޝަރީއަތުގެ އަޑު އެހުން ނިންމާލާފައި ވަނީ މިރޭ އަށެއް ޖެހިއިރު އެވެ.