ގއ. ކޫއްޑޫ އާއި ވިލިނގިއްޔާ ދެމެދު އަޅަން ވައުދުވި ބްރިޖް ހެދުމަށް ދިރާސާކުރުން މަޑުޖައްސާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެ ބްރިޖް އެޅުމުގެ ދިރާސާއަށް މިއަހަރުގެ ބަޖެޓްގައި އެއް މިލިއަން ރުފިޔާ ޕްލޭނިން މިނިސްޓްރީގެ ބަޖެޓްގައި ހިމެނި ކަމަށް އައިލްސް ވެބްސައިޓްގައި ބުނެފައިވެ އެވެ. ނަމަވެސް ދިރާސާ މިމަހު ފަށާނެ ކަމަށް ބުނި އެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓްގައި ބުނެފައި ވަނީ އެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށެވެ.

ސެޕްޓެމްބަރު8، 2018 ގައި، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ވިސްނުމަކަށް ވާންވީ އެއް ތަނުން އަނެއް ތަނަށް ގުޅުވާލެވޭނެ ގޮތެއް ކަމަށެވެ. އަދި ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަން މާ ބޮޑު ހަރަދެއް ނުދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާ ބޮޑު ޚަރަދެއް ދާނެ ކަމެއް ނޫން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އެކަން ތިބޭފުޅުންނަށް ފެނިގެންދާނެ،" ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިއަހަރު ނިމިގެންދާއިރު އެ ބްރިޖްގެ ދިރާސާގެ މަސައްކަތެއް ވެސް ނުފަށަ އެވެ.