ނަސްރުގެ ދުވަހާ ދިމާކޮށް ކާނިވާ ސަރަހައްދުގައި ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަންގެ ޖަލްސާ ބާއްވަން އެޗްޕީއޭއިން ހުއްދަ ނުދިނުމުން އެ ކޯލިޝަންގެ އޮފީސް ދޮރުމަތީގައި ޖަލްސާ ބާއްވަން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޖަލްސާ ބާއްވަން މާލެ ސިޓީ ކައުންސިލްގައި އެދުމުން ސިޓީ ކައުންސިލް އިން ޖަވާބު ދިނީ ހުއްދަ ދޭނީ އެޗްޕީއޭއިން ކަމަށެވެ. އަދި އެޗްޕީއޭގައި އެދުމުން ހުއްދަ ނުދިން ކަމަށާއި އޮންލައިންކޮށް ޖަލްސާ ބާއްވަން ލަފާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައި އިދިކޮޅު ހަރަކާތްތައް އޮންލައިންކޮށް ބާއްވަން އަންގާތީ ޝުޖާއު ވަރަށް ބޮޑަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫ ބަކުރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންއަށް ކާނިވާގައި ޖަލްސާ ބާއްވަން ހުއްދަ ނުދިން ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުން ރަސްމީ ހަފުލާތަކުގައި ބައިވެރިވާން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދެމުން ދެ އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި ބިލުތަކަށް އާންމުންގެ ހިޔާލު ހޯދުމުގެ ފޯރަމްތައް ބާއްވަން ހުއްދަ ދީފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކަށް ވެސް ހުއްދަ ދެވި ބައްދަލުވުން ބާއްވާފައިވެ އެވެ. ދާދި ފަހަކުން ތާޖުއްދީން ސްކޫލްގައި ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވެ އެވެ.
"ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން ބާއްވާ ޖަލްސާ އޮތީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.
ނަސްރުގެ ދުވަސް ފަދަ ގައުމީ މުނާސަބަތުތައް އަބަދުވެސް ޕީޕީއެމްއާއި ޕީއެންސީއިން ފާހަގަކުރެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ވެސް ކާނިވާގައި ޖަލްސާއެއް ބާއްވަން އިންތިޒާމުތައް ހަމަޖެއްސި އެވެ. އެކަމަކު އެ ފަހަރު ވެސް ސަރުކާރުން ހުއްދަ ނުދިނުމުން ކޯލިޝަންގެ އޮފީސް ދޮރުމަތީ އެއްވުމެއް ބޭއްވި އެވެ.