ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަދުހަމް 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރަނީ 22 އަހަރާއި 4 މަހާއި 23 ދުވަހެވެ. އެއީ ހަމަލާ އަށްފަހު އޭނާ ހައްޔަރުކުރި ގޮތަށް މިއަދު ހުކުމް ކުރާ ހަމައަށް ޖަލުގައި ހޭދަކުރި 221 ދުވަސް ހުކުމުން އުނިކުރުމުން ޖަލުގައި ހުންނަން ޖެހޭ ދުވަސްތަކެވެ.

ނަޝީދު އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް އިއުތުރާފްވެ، އަދުހަމް ވަނީ އާންމުންގެ ކިބައިން މިއަދު ޝަރީއަތުގެ މަޖިލީހުގައި މައާފަށް އެދިފަ އެވެ.

"މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ އަޅުގަނޑަށް ކުރެވުނު ކުށެއް ކަމަށް ގަބޫލު ކުރަން. އެ އަމަލު ހިންގުނީ ދީނީ ގޮތުން ގަބޫލުކުރެވުނު ކަންތައްތަކެއްގެ ސަބަބުން. އަޅުގަނޑު މި ފުރުސަތުގައި ރައީސް ނަޝީދާއި ހަމަލާގައި އަނިޔާވި އެންމެންނާއި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން. އަޅުގަނޑުގެ ފަރާތުން މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަރުވަން،" އަދުހަމް މިއަދު ކޯޓުގައި ބުންޏެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު.

އަދުހަމް ކުށަށް އިއުތިރާފްވި އެ ޝަރީއަތުގެ ބޮޑު ބައެއް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ގިނަ ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.