އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަދަނީ ނިއުކްލިއާ ހަކަތައާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއާއެކު އެކުލަވައިލި އެއްބަސްވުމެއް ކޮންގްރެސްއަށް ހުށަހަޅުއްވައިފި އެވެ. ނަމަވެސް، މި އެއްބަސްވުން ތަސްދީގުކުރެވޭނީ ސައުދީން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމުން އެކަނި ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އޮގަސްޓް 25 ގައި ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ.
ނަން ހާމަނުކުރުމަށް އެދި އެ އޮފިޝަލް ބުނި ގޮތުގައި، ޖުލައި މަހު އެއްބަސްވުމަކަށް އައިސްފައިވާ މި މުއާހަދާ ކޮންގްރެސްއަށް ފޮނުވާފައި ވަނީ އޮގަސްޓް 24 ގަ އެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ކުންފުނިތަކަށް ސައުދީއަށް މަދަނީ ނިއުކްލިއާ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމުގެ ހުއްދަ ލިބިގެންދާނެ އެވެ. ވޮޝިންޓަންގައި ހުންނަ ސައުދީ އެމްބަސީން މިކަމާ ގުޅޭގޮތުން ބަހެއް ބުނެފައެއް ނުވެ އެވެ.
މި އެއްބަސްވުމާމެދު ގޮތެއް ނިންމުމަށް ކޮންގްރެސްގެ ސެޝަންގެ 90 ދުވަސް ލިބޭއިރު، މީގެ ސަބަބުން ރައީސް ޓްރަމްޕް ބޭނުންވާ މަގްސަދުތައް ހާސިލުވާނެ ގޮތެއް ސާފެއް ނުވެ އެވެ.
އެމެރިކާގެ އޮފިޝަލް އީމެއިލް މެދުވެރިކޮށް ބުނެފައި ވަނީ، "އަބްރަހަމް އެކޯޑްސް"ގައި ސައުދީ އަރަބިއްޔާ ބައިވެރިވުމުން ނޫނީ މި އެއްބަސްވުން ކުރިއަށް ނުދާނެ ކަމަށް ރައީސް ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށެވެ. އަބްރަހަމް އެކޯޑްސްއަކީ އިޒްރޭލާއި އަރަބި އަދި މުސްލިމް ގައުމުތަކުގެ މެދުގައި ގުޅުން ގާއިމުކުރުމަށް އެމެރިކާ މެދުވެރިވެގެން އެކުލަވައިލި އެއްބަސްވުންތަކެކެވެ.
2020 އަދި 2021 ވަނަ އަހަރު މި އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރައިން، މޮރޮކޯ އަދި ސޫދާނާ ދެމެދުގަ އެވެ.
ޖުލައި މަހު ސައުދީ ނިއުކްލިއާ އެއްބަސްވުމަށް އައުމަށްފަހު، ޓްރަމްޕް ވަނީ އެ އެއްބަސްވުން އަމަލީ ގޮތުން ހިންގުމަށްޓަކައި އިޒްރޭލާއެކު ގުޅުން ގާއިމުކުރުން ޝަރުތަކަށް ހައްދަވާފަ އެވެ. ކުރީގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމެއް ހޯދުމަށް މަސައްކަތް ކުރައްވައި، އެކަން އަބްރަހަމް އެކޯޑްސްއާ ގުޅުވުމަށް ބޭނުންފުޅުވެފަ އެވެ.
ޑިޕްލޮމެޓުން ގަބޫލުކުރި ގޮތުގައި 2023 ވަނަ އަހަރު ސައުދީން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. ނަމަވެސް އޮކްޓޫބަރު 2023 ގައި ގާޒާ ހަނގުރާމަ ފެށުމާއެކު މަސްރަހު ބަދަލުވެގެން ދިޔައީ އެވެ.
ސައުދީ އަރަބިއްޔާއިން ބުނަމުންދަނީ އިޒްރޭލު ގަބޫލުކުރުމުގެ ކުރިން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފަސްނުޖެހޭ ފަދަ ސާފު މަގެއް ފެންނަން ޖެހޭނެ ކަމަށެވެ.
30 އަހަރުގެ މުއްދަތަށް އެކުލަވައިލާ މި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން "އޭޕީ 1000" މަރުކާގެ ރިއެކްޓަރުތައް ބިނާކުރުމަށް ހަމަޖެހިފައިވެ އެވެ. މިއީ އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއެއް ކަމުން، މީގެ ފައިދާ ކެނެޑާގެ ކޭމެކޯ އަދި ބްރޫކްފީލްޑް އެސެޓް މެނޭޖްމަންޓް ގުޅިގެން ހިންގާ ވެސްޓިންހައުސް ކުންފުންޏަށް ކުރާނެ އެވެ.
ކޮންގްރެސްގެ ދެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި އެއްބަސްވުން މިހާރު ވަނީ ކޮންގްރެސްގެ އިސްވެރިންނަށް ފޮނުވާފަ އެވެ. އަދި އޮގަސްޓް 26ގައި ކޮމިޓީތަކާ ހަވާލުކުރެވޭނެ ކަމަށް ބެލެވެ އެވެ. ކޮންގްރެސްގެ ސެޝަންގެ 90 ދުވަސް ތެރޭގައި މި އެއްބަސްވުމާ މެދު އެއްވެސް ނިންމުމެއް ނުނިންމައިފި ނަމަ، އެއްބަސްވުމަށް އަމަލުކުރަން ފެށޭނެ އެވެ.
ކޮންގްރެސްއިން މި އެއްބަސްވުން ބާތިލުކުރަން ނިންމި ނަމަވެސް، ރައީސް ޓްރަމްޕަށް އެ ނިންމުން ވީޓޯ ކުރުމުގެ ބާރު ލިބިގެންވެ އެވެ. އެ ހާލަތުގައި ރައީސްގެ ވީޓޯ ބާތިލުކުރުމަށް ކޮންގްރެސްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުންނާއި ނިއުކްލިއާ ހަތިޔާރު ފެތުރުމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މި އެއްބަސްވުމަށް ފާޑުކިޔާފަ އެވެ. އެފަރާތްތަކުން ބުނާ ގޮތުގައި، ސައުދީން ޔުރޭނިއަމް މުއްސަނދިކުރުން ނުވަތަ ނިއުކްލިއާ ކުނި އަލުން ބޭނުންކުރުން ހުއްޓުވާ ފަދަ މާއްދާތަކެއް މި އެއްބަސްވުމުގައި ނެތެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ދެ މަގެކެވެ.
އެމެރިކާއާއެކު 2009 ވަނަ އަހަރު ގާއިމުކުރި މަދަނީ ނިއުކްލިއާ އެއްބަސްވުމުގައި، "ގޯލްޑް ސްޓޭންޑަޑް"ގެ ގޮތުގައި ބެލެވޭ މިފަދަ ހަރުކަށި ފިޔަވަޅުތަކަށް ޔޫއޭއީ އިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ބުނަނީ ގާނޫނުން ލާޒިމުކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މި އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ.
ނޮން ޕްރޮލިފަރޭޝަން ޕޮލިސީ އެޑިއުކޭޝަން ސެންޓަރުގެ ވެރިޔާ ހެންރީ ސޮކޯލްސްކީ ވިދާޅުވި ގޮތުގައި، ޓްރަމްޕް މި މަރުހަލާ ފެއްޓެވުމުން، އިޒްރޭލު ގަބޫލުކުރުމާއި ނިއުކްލިއާ ފެތުރުން ހުއްޓުވުމުގެ ޝަރުތުތަކާ ނުލައި ވެސް މި އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ކޮންގްރެސްއަށް މިހާރު ވަނީ ހުޅުވިފަ އެވެ.
ސޮކޯލްސްކީ އިތުރަށް ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓުވުމާއި އިޒްރޭލު ގަބޫލުކުރުމުގެ މައްސަލާގައި ސީރިއަސްކަމެއް ހުރި ނަމަ، މިއީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށެވެ.
ޓެކްސް ރެޒިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރުމަށް އެދިއްޖެ
ހއ އިން ގދ އާ ހަމައަށް މޫސުން ގޯސްވެ އެލާޓް ނެރެފި
ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެ އުޅުނު ބޯޓެއް އަތުލައިގެންފި
