ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުން ނޫން ކަމަށާއި، ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީ ވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ" މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ރައީސް ސޯލިހު ވަނީ މިއަދު މި އިފްތިތާހުކުރި "ވޭސްޓް ޓު އެނާޖީ" މަޝްރޫއަކީ، މާލެ އަތޮޅާއި، އަރި އަތޮޅާއި، ވާވު އަތޮޅުގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ވިދާޅުވެ، މިއީ ކުނި ނައްތާލުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ފަށާ އެންމެ އަގު ބޮޑު އެއް މަޝްރޫއުކަން ހާމަކުރައްވާފަ އެވެ. ދިވެހި ސަރުކާރާއި ބޭރުގެ އެހީ ދޭ ހަ ފަރާތެއްގެ މާލީ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫއުގެ ޖުމްލަ އަގަކީ، 304 މިލިއަން ޑޮލަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މާލޭ ސަރަޙައްދުގައި މީގެ ކުރިން ކުނި މެނޭޖްކުރަމުން އައި ގޮތަށް އަލިއަލުއްވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. މިގޮތުން، އެމަނިކުފާނު ވަނީ ރަށްރަށުން ތިލަފުށްޓަށް ކުނި ގެންނަމުން އައީ ތިމާވެށްޓަށް މާބޮޑު ސަމާލުކަމެއް ދީގެން ނޫން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭ ގޮތް މެދުވެރިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފަ އެވެ. އަދި، މިއީ ރަނގަޅަށް ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން ދިމާވި ކަމެއްކަމަށާއި، ގައުމު ތަރައްގީ ކުރަން ވާނީ ވެސް، އަދި އިގްތިސާދީ ހަރަކާތްތައް ހިންގަންވާނީ ވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިންކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ ހުޅަނގު މޫސުމުގައި ތިލަފުށިން ކުނި އެންދުމުގައި ވިލިމާލެއާއި މާލެ ރައްޔިތުންނަށް މީގެ ކުރިން ލިބުނު ދުމުގެ އުނދަގޫތައް މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުން މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.

"ވޭސްޓް ޓު އެނާޖީ" މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މި މަޝްރޫއުގެ އެންމެ މުހިންމު ކަމަކީ، މިއީ ކުނި ނައްތާލާ މަޝްރޫއަކަށް ވުންކަމަށާއި، މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތާލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލާލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް ވިހައެއް އަދި ވަހެއް ވެސް ބޭރު ނުވާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު އޭގެ ބަދަލުގައި އުފެދޭނީ ހަކަތަ ކަމުގައި ވިދާޅުވެފަ އެވެ. އަދި، ކުނި އަންދައިގެން ކަރަންޓު އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުނި މެނޭޖްކޮށް ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަޙައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރި ގޮތުގައި ނައްތާލައިގެން ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކީ ޢުމްރާނީ މަސައްކަތްތައް ވެސް އިތުރުވަމުން އަންނަ ކަމަށާއި، ފަތުރުވެރިކަން ފުޅާވެ އިގްތިސާދީ ހަރަކާތްތައް ވެސް އިތުރުވަމުންދާއިރު މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރު ވެސް އިތުރުވާނެކަމަށެވެ.

އަދި، ކުނި މެނޭޖްކުރާނެ މަރުކަޒުތައް ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި ގާއިމުކުރުމުގެ ހަގީގީ ބޭނުމަކީ މިއީކަން ހާމަކުރައްވަމުން ރައީސް ވަނީ އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތައިލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.