އިންޑޮނޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދަކަށް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި ރިކްޓަރު މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. ބިންހެލުމާ ގުޅިގެން ގިނަ އަދަދެއްގެ ގެދޮރާއި އިމާރާތްތައް ބިމާހަމަވެ، ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބާރުގަދަ ބިންހެލުންތައް އާންމުކޮށް އަންނަ މި ސަރަހައްދުގެ ރައްޔިތުންގެ މެދުގައި މި ހާދިސާއާ ގުޅިގެން ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފަ އެވެ.
މި ބިންހެލުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ސުނާމީގެ އިންޒާރު ނެރެ، އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން އުސް ބިންތަކަށް ބަދަލުވުމަށް އިލްތިމާސްކުރި އެވެ. ނަމަވެސް، އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީން ކަނޑުގެ ލެވެލްއަށް އަންނަ ބަދަލުތައް ބެލުމަށްފަހު، އައްސޭރިފަށުގެ ރަށްތަކަށް ނުރައްކަލެއް ނެތްކަން ކަށަވަރުވުމުން ފަހުން އެ އިންޒާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައީ އެ ގައުމުގެ ގަޑިން ހެނދުނު 5:58 ހާއިރު، އިންޑޮނޭޝިއާގެ ފްލޮރޭސް ސަރަހައްދަށެވެ. ބިންހެލުން އުފެދުނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމުގެ މަރުކަޒަކީ އީސްޓް ނޫސާ ތެންގާރާ ޕްރޮވިންސްގެ އެންޑޭ ސިޓީއާ ގާތްގަނޑަކަށް 68 ކިލޯމީޓަރު އުތުރު-އުތުރު ހުޅަނގު ސަރަހައްދެވެ. ބިންހެލުމަށްފަހު އިތުރު ލޮޅުންތައް (އެފްޓާޝޮކްސް) ވެސް ވަނީ އައިސްފަ އެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން މައުލޫމާތު ދޭ ގޮތުގައި، މައުމެރޭ ސާޗް އެންޑް ރެސްކިއު އެޖެންސީގެ ފުރަތަމަ ރިޕޯޓްތަކުން ދައްކާގޮތުގައި މި ބިންހެލުމުގައި އިމާރާތްތައް ވެއްޓި ލިބުނު ގެއްލުންތަކުގައި ދެ މީހަކު މަރުވެ، އިތުރު ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.
ލޯކަލް ޓީވީތަކުން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުން ވަނީ އިމާރާތުން ބޭރަށް ނެރެފަ އެވެ. ހޮސްޕިޓަލްތަކުގެ މުވައްޒަފުން ވަނީ އެނދުތަކާއި، އައިވީ ސްޓޭންޑްތަކާއި، އޮކްސިޖަން ސިލިންޑަރު ފަދަ ވަސީލަތްތައް ބޭރަށް ނެރެ، ކުއްލި ހާލަތުގައި ފަރުވާ ދެވޭނެ އިންތިޒާމުތައް ބޭރުގައި ހަމަޖައްސާފަ އެވެ.
މި ބިންހެލުމުގެ އަސަރު ފްލޮރޭސް ރަށުގެ ބޮޑު ބަޔަކަށް ކޮށްފައިވާއިރު، ފުރަތަމަ ލިބުނު ރިޕޯޓްތަކުން އެނގޭ ގޮތުގައި އެކި ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ފުރަތަމަ ސުނާމީގެ އިންޒާރު ނެރުނީ އީސްޓް ނޫސާ ތެންގާރާ، ވެސްޓް ނޫސާ ތެންގާރާ، ސައުތު ސުލަވެސީ އަދި ސައުތު އީސްޓް ސުލަވެސީ ޕްރޮވިންސްތަކަށެވެ. އަދި އަތިރިމައްޗާއި ކޯރުތަކުގެ އައްސޭރިއާ ދުރަށް ދިއުމަށް އިރުޝާދު ދިނެވެ.
17،000 އަށްވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިއާއަކީ ޕެސިފިކް "ރިންގް އޮފް ފަޔާ" ސަރަހައްދުގައި އޮންނަ ގައުމަކަށް ވާތީ، ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް އެ ގައުމުގައި ވަރަށް ގިނައިން ހިނގަ އެވެ.
މީގެކުރިން 1992 ވަނަ އަހަރު ފްލޮރޭސްއަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގައި ގާތްގަނޑަކަށް 2,500 މީހުން މަރުވެފައިވެއެވެ. އަދި 2018 ވަނަ އަހަރު އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމެއްގައި އުފެދުނު ސުނާމީއާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ޕާލޫ ސިޓީގެ މުޅި އަވަށްތައް ސުންނާފަތިވެ، 4,400 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
މީގެ އިތުރުން، 2010 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކަށްފަހު އައި ތިން މީޓަރުގެ އުސް ރާޅުތަކެއްގެ ސަބަބުން މެންޓަވާއީ ރަށްތަކުން 400 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ގެއެއް ހަލާކުވި އެވެ. އަދި 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް އައި 9.1 މެގްނިޓިއުޑްގެ ބޮޑު ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި ދުނިޔޭގެ އެކި ގައުމުތަކުން 230,000 މީހުން މަރުވިކަން ފާހަގަކުރެވެއެވެ.
"ތިން މީހުން ހޯދަން ހުވަދޫ ކަނޑު ބަލާ މާދަމާ ނިންމާލެވޭނެ"
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
ރޭގެ މުޒާހަރާގައި ރައީސް ނަޝީދަށް ސެކިއުރިޓީ ނުދިން
