ހުޅުމާލެއަކީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށް، ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރެފި އެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކޮށް، އެއީ ސިޓީ ކައުންސިލްގެ ތަނެއްގެގޮތުގައި ނިންމާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެވެ. މިކަން މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ސިޓީއަކުން އަންގައިފަ އެވެ.

ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅުއްވައި އެނިންމުން ބާޠިލުކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށާއި އެލްޖީއޭއަށް އެޗްޑީސީން މައްސަލަ ހުށައެޅީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

އެޗްޑީސީން ސިވިލް ކޯޓުގައި އެދިފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލަށް އަންގައިދިނުމަށެވެ.

މިކަމާ ގުޅިގެން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އަންގާފައި ވަނީ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރަން ފަސްކުރުމަށެވެ. އަދި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒްކުރުމަށް ދަޢުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް ވެސް އެ ކޯޓު އަމުރުގައި އަންގާފައިވެ އެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން އެޗްޑީސީއަށް ލިބޭ އެންމެހާ ގާނޫނީ ހައްގުތަކާ، ބިމާގުޅިގެން ކުރަމުންއައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްގީކުރުމާ ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުންއައި ކަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އަމުރުގައި އަންގާފައިވެ އެވެ. އަދި އެފަދަ އަމަލެއް ކުރަމުންދާނަމަ އެކަން ހުއްޓުވައިދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ވެސް ސިވިލް ކޯޓުން އަމުރުކޮށްފައިވެ އެވެ.