ފެޝަންގެ ދުނިޔޭގައި މީގެ ކުރިން ރާއްޖޭގެ މޮޑެލުންނަކީ މަޝްހޫރު ބައެއް ނޫނެވެ. އަދި މިސް ވޯލްޑް ފަދަ މުބާރާތްތަކުގައި ވެސް ރާއްޖޭގެ އަޑެއް ނީވެ އެވެ. ނަމަވެސް މިހާރު މަޑުމަޑުން ރާއްޖޭގެ މޮޑެލުން ވެސް އަންނަނީ ދުނިޔޭގެ ފެންވަރުގެ އެފަދަ ބައެއް އިވެންޓްތަކުގައި ބައިވެރިވެ، ރާއްޖޭގެ އަޑު އިއްވަން މަސައްކަތްކުރަމުންނެވެ.

ދާދިފަހުން ބޭއްވި މިސް އިންޓާ ކޮންޓިނެންޓަލް މުބާރާތުގައި ދިވެހި މޮޑެލްއަކު ވަނީ ބައިވެރިވެ، ތާރީހުން ޖާގަ ހޯދައިފަ އެވެ. ބައިނަލްއަގުވާމީ ރީތީގެ އެ މުބާރާތުގައި ބައިވެރިވި އާމިނަތު އަލްހާން އިބްރާހީމް (އަލްކޮ) 20، މި ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަރާތުން އެ މުބާރާތުގައި ތަމްސީލްކޮށްފަ އެވެ.

އަލްކޮގެ މޮޑެލްކުރުމުގެ ހުވަފެނީ ދަތުރު ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. އެންމެ ކުރީއްސުރެ މޮޑެލްކުރަން ޝައުގުވެރިކަން ހުރި އަލްކޮ އެންމެ ފުރަތަމަ މޭކަޕްކޮށް ފޮޓޯތައް ނެގީ އަމިއްލައަށެވެ. އިންސްޓަރްގާމް މެދުވެރިކޮށް، އޭރު އޭނާގެ މަދު ފޮލޯވަރުންނާ އެފޮޓޯތައް ހިއްސާކުރުމުގެ ތެރެއިން ފޮޓޯގްރާފަރު ޝައްމޫންއާއެކު ފޮޓޯ ޝޫޓެއް ހެދުމުގެ ފުރުސަތު އޭނާއަށް ލިބިގެން ދިޔަ އެވެ.

https://www.instagram.com/p/CWGABKtgKKd/?utm_medium=copy_link

"އެންމެ ފުރަތަމަ އަމިއްލައަށް މޭކަޕް ކޮށްގެން އިންސްޓަގްރާމަށް ލާން ފެށީ. ޝައްމޫންއާއެކީ ފޮޓޯ ޝޫޓް ހަދަން ޗާންސް ލިބުނީ އެގޮތުން،" މޮޑެލްކުރުން ފެށުނު ގޮތް ކިޔައިދެމުން އަލްކޮ ބުންޏެވެ.

އެ ފޮޓޯ ޝޫޓް ވެގެން ދިޔައީ މޮޑެލިންގެ ދާއިރާއަށް ވަނުމަށް އަލްކޮއަށް ހުޅުވިގެން ދިޔަ ދޮރަކަށެވެ. ޝޫޓަކަށްފަހު ޝޫޓެއް ލިބެމުން ގޮސް 2019 ވަނަ އަހަރުގެ ޓޮޕް މޮޑެލް މޯލްޑިވްސްއަށް އޭނާ ކުރިމަތިލީ މޮޑެލިންގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށެވެ. ގިނަ ބައިވެރިންތަކަކާ ވާދަކޮށް އެ މުބާރާތް އޭނާ ނިންމާލީ ފަސްޓް ރަނަައަޕްގެ ގޮތުގަ އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެކި ބައްރުތަކުގެ ބައިވެރިން ވާދަކުރި މިސް އިންޓަ ކޮންޓިނެންޓަލްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އަލްކޮއަށް ލިބުނީ އެގޮތުގެ މަތިންނެވެ. 70 އަށްވުރެ ގިނަ ބައިވެރިން ވާދަކުރި އެ މުބާރާތުގައި އޭނާ ވަނީ ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދަ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ވަރަށް ސާދާކޮށް ދައްކުވައިދީފަ އެވެ.

https://www.instagram.com/tv/CVisXregldn/?utm_medium=copy_link

އަލްކޮ ބުނިގޮތުގައި މިސް އިންޓަ ކޮންޓިނެންޓަލްގެ ތަޖުރިބާއަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް މުހިއްމު އަދި ބޭނުންތެރި ތަޖުރިބާ އެކެވެ. އެ ތަޖުރިބާއަކީ އެކި ސަގާފަތްތަކުގެ ބައިވެރިންނާ ބައްދަލުވެ، ވަރަށް ގިނަ ކަންކަން ދަސްވި ތަފާތު ތަޖުރިބާއެއް ކަމަށް އަލްކޮ ދެކެ އެވެ.

"ގަޑިއަށް ފަރުވާތެރިވުމާއި އަމިއްލައަށް މޭކަޕް ކުރުން ފަދަ ކަންކަން އެ މުބާރާތުގެ ތެރެއިން ދަސްވި. ހަމައެއާއެކު އެކި ތަންތަނަށް ގޮސް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބުނު،" އޭނާ ބުންޏެވެ.

https://www.instagram.com/alhaan.ibrhm/p/CWSb6IbAnLH/?utm_medium=copy_link

ޕައިލެޓްކަން ކިޔަވަމުން އޭވިއޭޝަން ދާއިރާގެ ޒިންމާދާރު ފުލްޓައިމް ވަޒީފާއެއްގައި މަސައްކަތްކުރަމުން އަންނަ އަލްކޮ އޭނާގެ ވަޒީފާއާއި މޮޑެލިން ކެރިއަރަށް އެއްވަރަކަށް އަހައްމިޔަތުކަން ދީގެން ކުރެވޭތޯ ބަލަ އެވެ. އެގޮތުން ވަޒީފާގައި އުޅެމުން ވެސް ވަގުތު މެނޭޖްކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"ބޮޑަށް ފޮޓޯ ޝޫޓުތައް ޝެޑިއުލް ކުރެވޭތޯ ބަލަނީ އޮފް ދުވަސްތަކަށް. ނޫނީ ޑިއުޓީއަށް ބުރޫ ނާރާ ގޮތަށް ހުސް ވަގުތު ތަކަށް،" އަލްކޮ ބުންޏެވެ.

https://youtu.be/uVXCJQjsirA

މޮޑެލްކުރުމުގެ އިތުރުން ކެއްކުމާއި ކޭކު އެޅުމަކީ ވެސް އަލްކޮގެ ހުނަރުތަކުގެ ލިސްޓަށް އިތުރުވާ ހަރަކާތްތަކެކެވެ. ކޮވިޑްގެ ލޮކްޑައުންގެ ތެރޭގައި އޭނާ ވަނީ މި ހުނަރުތައް އިތުރަށް ފައްކާކޮށް އެއީ ވެސް އޭނާގެ ވަނަވަރަށް އިތުރު ކުރެވޭނެ ހުނަރުތަކެއް ކަމުގައި ހަދާފަ އެވެ.

https://www.instagram.com/alhaan.ibrhm/p/CVVCv93A2-3/?utm_medium=copy_link

ސައިޑް ހޮބީއެއްގެ ގޮތުގައި މޮޑެލްކުރަމުން އަންނަ އަލްކޮގެ އުއްމީދުތައް މުސްތަގްބަލާ މެދު ވަރަށް ފޮންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ މޮޑެލިން އަދި ފެޝަން ދާއިރާއަކީ ކުރިއެރުވޭނެ ދާއިރާތަކެކެވެ. އޭނާ ހުރީ އެ ދާއިރާއިން ދެވޭނެ އެންމެ ދުރަކަށް ދާން އަޒުމު ކަނޑަ އަޅައިގެންނެވެ.

"ރާއްޖޭގެ މޮޑެލިން އަދި ފެޝަން އިންޑަސްޓްރީއަކީ ވަރަށް ކުރިއަށް ގެންދެވޭނެ އިންޑަސްޓްރީއެއް. އެކަމަށްޓަކައި އަޅުގަނޑަށް ކުރެވޭ މަސައްކަތްތައް ކުރަން މިހުރީ،" އަލްކޮ ބުންޏެވެ.

މި ދަތުރުގައި އޭނާގެ ފަހަތުގައި ތިބެ މެދުކެނޑުމެއްނެތި އެހީއާއި އެއްބާރުލުން ދެމުން އަންނަ އޭނާގެ މައިންބަފައިންގެ ނަން އަލްކޮ ފާހަގަ ކުރީ ޝުކުރުވެރި ކަމާއެކުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ އަރަމުން އަންނަ މޮޑެލުންނަށް ދެއްވާ ފުރުސަތުތަކަށްޓަކައި ހަނީފާ ހިލްމީ އާއި ހީ އެންޑް ޝީގެ މުޅި ޓީމަށް އަލްކޮ ޝުކުރުއަދާކުރި އެވެ.

"ކޮންމެ ކަމެއްގައި ވެސް މަންމައާ ބައްޕަގެ ސަޕޯޓު ވަރަށް ބޮޑަށް ލިބޭ. އެހެންވީމަ އާއިލާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން،" އަލްކޮ ބުންޏެވެ.

https://www.instagram.com/p/CVceEUeA01y/?utm_medium=copy_link

މި ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަން އަލްކޮ ދޭން ބޭނުންވި މެސެޖަކީ މި ދާއިރާއަކީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ވަރަށް ކާމިޔާބު ލިބޭނެ ދާއިރާއެއް ކަމެވެ. ކުރިމަތިވާ ގޮންޖެހުންތަކަށް ފަސްނުޖެހި ކުރިއަށް ދިއުމަށް ދިވެހި މޮޑެލުންނަށް އޭނާ ހަނދާން ކޮށްދިނެވެ.

"އަންނާނެ ނެގެޓިވް ކޮމެންޓްތައް ވެސް. އެކަމަކު ޕޮޒިޓިވް ކޮމެންޓްތަކަށް ވިސްނައިގެން ކުރިއަށް ދިޔައީމަ ރަނގަޅުވާނެ،" އަލްކޮ ބުންޏެވެ.

އަލްކޮއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހުވެފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ގަދައަޅާ މަސައްކަތްކުރި ޒުވާނެކެވެ. މިއަދުގެ ޒުވާނުން ހިތްވަރު ލިބިގަންނަންވީ އަލްކޮ ފަދަ ޒުވާނުންގެ ކިބައިންނެވެ. ނަމޫނާއަކަށް ބަލަންވީ އަލްކޮ ފަދަ ޒުވާނުން އެ ޒުވާނުންގެ ދާއިރާއިން ކުރިއަށްދާން ކުރާ ހިންމަތާއި މިންނަތެވެ.