އިންޑިޔާ އައުޓް ކެމްޕެއިނާ ދެކޮޅަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީންވެސް ނުކުމެއްޖެ އެވެ.

އިންޑިޔާ އައުޓްގެ ނަމުގައި ހިންގާ ކެންޕޭނު ތަކާއި މެދު ޖުމްހޫރީ ޕާޓީން ދެކޭގޮތް ހާމަކޮށް އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިޔާ އައުޓު" ހަރަކާތުން ގައުމަށް ދިގުމުއްދަތެއްގެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތުބޮޑު ކަމަށެވެ.

ރާއްޖޭގައި އަސްލަރީ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މިހާރު ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް (އެއްވެސް ގައުމަކަށް / އެއްވެސް ގައުމެއްގެ ޢަސްކަރިއްޔާ އަށް) ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު، "އިންޑިޔާގެ މިލިޓަރީ" މި ދިވެހި ފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ގާނޫނީ ހަމައެއް އޮތްކަމަކަށް ނުދެކޭ ކަމުގައި ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ދެ ގައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން، ގުޅިގެން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި، ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވެ ދިނުމަށް ހިންގޭ ހަރަކާތްތަކުގެ އިތުރުން ދެ ގައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުން ފަދަ އެކި އެކި ހަރާކާތްތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެފަރާތަށްމެ ފައިދާ ލިބޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީ ތާއީދު ނުކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. އަދި މިފަދަ ބޭނުމަކު "ހަތިޔާރު" ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ "މިލިޓަރީ" ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއް ކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއްކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތްކަމަށްވެސް އެޕާޓީން ބުނެ އެވެ.

ޖުމްހޫރީ ޕާޓީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީންވެސްވަނީ މިފަދަ މޭރުމަކުން ބަޔާން ނެރެފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އިންޑިޔާއިން ދަނީ "އިންޑިޔާ އައުޓް" ކެޕްމެއިން ކޮންމެ ގޮތަކުން ނަމަވެސް ހުއްްޓުވުމަށް ސަރުކާރަށް ކެނޑިނޭޅި ޕްރެޝަރ ކުރަމުންނެވެ.