އިންސާނާގެ ހަށިގަނޑަށް އެކި ދުވަސްވަރު ތަކުގައި އެކި ކަހަލަ ބަދަލުތައް އަންނަމުންދެއެވެ. އެގޮތުން އޭނާގެ ޒުވާން ދުވަސްވަރުން ފެށިގެން ފުރާފުރިހަމަވެ، މުސްކުޅި އުމުރަށް ދިޔުމާއި ހަމައަށެވެ.
ގިނަ މީހުންނަށް އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް އެންމެ ރަނގަޅަށް ނޭނގޭ ކަމަށް ބުނަމުންދެ އެވެ. އެގޮތުން ހާއްސަކޮށް އުމުރުން 30ގެ އަހަރުތަކުގައި އަންނަ ބަދަލުތަކަކީ ގިނަ ބަޔަކު އެކަމާއި މެދު ވިސްނާލާ ބަދަލުތަކެއް ނޫނެވެ.
ނަމަވެސް މިއީ ވަރަށް އާދަޔާ ޚިލާފް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ހާއްސަކޮށް އަންހެނުންނަށް އަންނަ ބަދަލުތައް ތަފާތެވެ. ހަށިގަނޑަށް އަންނަ ހުރިހާ ބަދަލަކީ ފެންނަން ހުންނަ ބަދަލުތަކެއް ނޫނެވެ. އެގޮތުން ހޯމޯންސްތަކާއި، ކަށިތަކަށްވެސް ބަދަލުތައް އާދެ އެވެ. މިއީ ގުދުރަތީ ގޮތުން އަންނަ ބަދަލުތަކެކެވެ.
30 އަހަރުގައި އަންނަ ބަދަލުތަކެގެ ތެރެއިން އެންމެ އާދަޔާ ހިލާފް ބަދަލެއް ކަމަށްވާ ކަށިތަކަށް އަންނަ ބަދަލު އެންމެ ބޮޑަށް އަންނާނީ އަންހެނުންނަށެވެ. އެގޮތުން ކަށިތަކުގެ ބަރުދަން ލުއިވެގެން ދާނެ އެވެ. މީގެ ސަބަބުން ހަށިގަނޑުވެސް ލުއިވެ އެވެ. އެހެންނަމަވެސް މިގޮތަށް ކަށިތަށް ލުއިވުމުން ކައްޓަށް ޖެހޭ ބަލި ޖެހުމަށް އޮންނަ ފުރުސަތު ބޮޑުވެގެން ދެއެވެ. އަދި ފަސޭހައިން ކަށިތައް ބިންދައިގެން ދިއުންވެސް އެކަށީގެންވެ އެވެ.
އެހެންކަމުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކެލްސިއަމް ހިމެނޭ ބާވަތްތައް ބޭނުންކުރުން މުހިއްމެވެ. އަދި ގަވައިދުން ކަސްރަތު ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ހަމައެއާއި އެކު ގިނައިން ޗީޒް ކެއުމުން މިކަމަށް ވަރަށް އެކަށީގެންވާ ހައްލެއް ލިބޭނެކަމަށް މާހިރުން ބުނެފައިވެ އެވެ.
އަންހެނުންގެ ފަރާތުން ދެން އެންމެ ބޮޑަށް ފާހަގަ ކުރެވިގެންދާނެ ކަމަކީ އެމީހުންގެ ހޯމޯންސް ތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންނަ ކަންކަމެވެ. އެގޮތުން ދެމަފިރިކަމުގެ ގުޅުން ފަދަ ގުޅުންތައް ހިންގުމުގައި ބޮޑެތި ބަދަލުތައް އަންނާނެ އެވެ. މިކަން ބެލުމަށްޓަކައި 2010 ވަނަ އަހަރު ހިންގުނު ދިރާސާއަކުން އެނގުނު ގޮތުގައި އުމުން 27 އަހަރާއި 45 އަހަރަކީ އަންހެނުން އެންމެ ބޮޑަށް އެފަދަ ގުޅުމަށް ބޭނުންވާނެ އުމުރުކަމަށްވެ އެވެ. އަދި އެ އުމުރުގައި އަންހެނުންގެ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތައް އައިސް އެކަން އެމީހުން އަމިއްލައަށް ވެސް އިޙްސާސް ކުރާނެ އެވެ.
2010 ވަނަ އަހަރު ކުރެވުނު އިތުރު ދިރާސާ އަކުން އެނގުނު ގޮތުގައި އުމުރުން 30 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ޑިޕްރެޝަން އަށް ދިޔުމުގެ ފުރުސަތު ބޮޑެވެ. މިހެންމިގޮތަށް ވާން ޖެހެނީ އުމުރުގެ ފަހު ވިހީގެ އަހަރުތަކުގައި ނުވަތަ ތިރީހުގައި ސްޓްރެސް ވުން އިތުރުވާތީ އެވެ. އަދި ކަންކަމުގައި މާޔޫސްވުން އަވަސްވާތީއެވެ. މިކަމުގެ އަސަރުވެސް ބޮޑަށް ފެންނާނީ އަންހެނުންގެ ކިބައިންނެވެ.
މިއުމުރުގައި ހަށިގަނޑުގެ ބޭރުފުށުން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ހަންގަނޑު ކުރަކިވުމެވެ. މިގޮތަށް ވާންޖެހެނީ ހަންގަނޑު ބާރުކޮށް ބެހެއްޓުމަށްޓަކައި ހަށިގަނޑުން އުފައްދާ މާއްދާއެއް ކަމަށްވާ ކޮލަގެން އުފެއްދުން މަދުވުމެވެ. އޭގެ ސަބަބުން ބައެއް ގުނަވަންތަކުގައި ހުންނަ ވާންކަން ކުޑަވެގެންދެ އެވެ.
އުމުރުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް، ޙާއްސަކޮށް އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލު ތަކަކީ އަޖައިބުން ފުރިގެންވާ ކަހަލަ ކަންކަމެވެ. އަދި މިކަންކަމުގެ ސަބަބުން އަންހެނުން އިތުރަށް ފުރިހަމަ ވެގެންދެ އެވެ. ތިރީހުގެ އަހަރުތަކުގައި އަންނަ ބަދަލު ތަކަކީ އަންހެނުންގެ ހަށިގަނޑަށް އަންނަ އެންމެ ފުރިހަމަ ބަދަލު ތަކެވެ.