ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް މައިން ބަފައިންގެ ދައުރު ވަރަށް ބޮޑެވެ. ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ގެންގުޅޭ އުކުޅުތަކަކީ މުސްތަގުބަލުގައި އެކުދިންނަށް ފައިދާކުރާނެ ކަމެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެވޭނެ ބައެއް އާދަތަކަށެވެ.
ރަނގަޅު ކަންކަން ފާހަގަ ކުރުން
ކަންތަކަށް އުންމީދާއެކު ކުރިމަތިލާން އެކުދީންނަށް ދަސްކޮށްދޭށެވެ. ދަރިންގެ ފަރާތުން ރަނގަޅެއް ފެނިއްޖެއްޔާ ހިތްވަރު ދޭށެވެ. ގޯހެއް ހެދޭ ފަހަރު އަދަބު ދޭންވީ އެކަންޏެއް ނޫނެވެ. އެކުދިން ކުރާ ރަނގަޅު ކަންތައް ފާހަކޮށް އިނާމު ދޭށެވެ.
ނަމޫނާ ދެއްކުން
ނަމޫނާ ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިހުތިރާމު ކުރަން ދަސްކޮށްދިނުމުގެ ގޮތުން ކުދިންގެ ކުރިމަތީގައި ތިބާވެސް އެހެން މީހުންނަށް އިހުތިރާމް ކުރާށެވެ. އަދި އަޑުގަދަކޮށް އެކުދީން ވާހަކަ ދައްކަންޏާ ތިމާ މަޑުމަޑުން ވާހަކަ ދައްކައި އެގޮތް އެކުދީންނަށް ދަސްކޮށް ދޭށެވެ.
އާއްމުކޮށް ހަރުބަސް ބޭނުން ނުކުރުން
ކުއްޖާ ކުރާ ކަމެއް ހުއްޓުވުމުގެ ކުރީގައި އެއީ ހުއްޓުވަން މަޖްބޫރުކަމެއްތޯ ބަލާށެވެ. އޭގެ ބަދަލުގައި އެކަމާމެދު ތިމާގެ ޚިޔާލު ދޭށެވެ. ވީވަރަކުން އިރުޝާދު ދިނުން މަދުކުރާށެވެ. ކުއްޖާގެ ހިތް މަރުވާފަދަ ބަސްތައް ބުނެ ހިތްވަރު ދެރަކޮށް ނުލާށެވެ. ހުއްޓުވަން ކޮންމެހެން ނުޖެހޭ ކަންތައް ހުއްޓުވަން ނޫޅޭށެވެ.
ސަމާސާ ކުރުން
ހުރިހާ ކަމަކީ ސީރިއަސް ކަންކަމަށް ނުހަދާށެވެ. ބައެއްފަހަރު ސަމާސާ ވެސް ކުރަންވާނެ އެވެ. އަދި ހެއްވާކަންތައް ވެސް ކުރަން ވާނެ އެވެ. އެއީ ކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ކަމެކެވެ. ހެއްވާ އަދި މަޖާ ކަންކަން ކުރަން ދަސްކޮށްދޭށެވެ. އެއީ ތިބާއާ އެކުދިންނާ އޮންނަ ގުޅުން ވެސް ވަރުގަދަ ކޮށްދޭނެ ކަމެކެވެ.