ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ އޮންނަ ރާއްޖޭގެ ރިވިއު ސެޝަންގައި ރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ބަލައިނުގަންނާނެ ކަމަށް ރާއްޖެއިން ބުނެފި އެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަން މިއަދު ރާއްޖެ ގަޑިން ހަވީރު 6:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ޔޫޕީއާރުއަކީ، އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށް ކުރިއަށްގެންދެވޭ ރިވިއު އެކެވެ.

މިއަދުގެ ސެޝަންގައި ރާއްޖޭން ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއު ކުރެވޭނެ އެވެ. ރާއްޖެއިން މިއަދުގެ ސެޝަންއަށް ފެބުރުވަރީ3، ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި އދ. ގެ އެކި ފަރާތްތަކުން ރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެއާ ގުޅޭގޮތުން ގައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ. އެގޮތުން ރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން އެދިފައިވެ އެވެ.

ގައުމުތަކުން ރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ރާއްޖެއިން ބަލައެއް ނުގަންނާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.