ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް އާއްމުން ކުރާ އިތުރުބާރު ބޮޑުވެފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ރާއްޖޭގެ ރިވިއު ސެޝަންގައި ޖަސްޓިސް އެންޑް ލީގަލް ސެކްޓާ ރިފޯމްއާ ގުޅޭގޮތުން ހުށަހަޅާ އިންޓަވެންޝަން ހުށަހަޅުއްވައިދެއްވަމުން ރިފްއަތު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ޖުޑިޝަރީ ޖަވާބުދާރީކުރުވުމުގެ ޒިންމާ އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަމަށާއި އެ ކޮމިޝަނަކީ މުސްތަގިއްލު އަދި މިނިވަންކަމާއެކު މަސައްކަތްކުރަންޖެހޭ ކޮމިޝަނެއް ކަމަށް ވީނަމަވެސް، އެކި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ކޮމިޝަން އެންމެ ފުރިހަމައަށް ކުރިން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، ކޮމިޝަންގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފި ކަމަށާއި އެކަމުގެ ސަބަބުން ކޮމިޝަނަށް އާންމުންކުރާ އިތުބާރު ބޮޑުވެފައިވާކަން ކޮމިޝަނަށް މިހާރު ހުށަހެޅެމުންދާ މައްސަލަތަކުގެ އަދަދަށް ބެލުމުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިންޓަވެންޝަންގައި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ތަސައްވުރުކުރަނީ ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާނެ މިނިވަން ޖުޑިޝަރީއެއް ކަމަށް ވީނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި، ސިޔާސީ ނުފޫޒު ފޯރުވާފައިވާތީ، ޖުޑީޝަރީ މިނިވަންކަމާއެކު މަސައްކަތްކޮށްފައި ނުވާކަން އެޓަނީ ޖެނެރަލް ފާހަގަކުރެއްވި އެވެ. އަދި ޖުޑިޝަރީ ރިފޯމްކުރުމަކީ މި ސަރުކާރުގެ ވައުދެއްކަމާއި، މިދިޔަ އަހަރު ޖުޑީޝަލް ރިފޯމް ޕްރޮޕޯސަލް އެކުލަވައިލާފައިވާއިރު، ޖުޑިޝަލް ރިފޯމް ޕްލޭން ބިނާވެފައިވަނީ މައިގަނޑު ތިން ދާއިރާއަށް ކަމާއި، އެއީ، ކޯޓުތަކުގެ އޮނިގަނޑާއި އިޙްތިސާސް ރިފޯމްކުރުމާއި، އިދާރީ ހިންގުން ހަރުދަނާކުރުމާއި، އަދި ފަނޑިޔާރުން ޒިންމާދާރުކުރުވައި އެ ފަރާތްތަކުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ މައްޗައްކަން އެޓާނީ ޖެނެރަލް ފާހަގަކުރެއްވި އެވެ.

އޭޖީ ވިދާޅުވީ ރާއްޖޭގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 200 އަށްވުރެ ގިނަ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 76 ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އެ ބިލުތައް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނީ ނިޒާމް އިތުރަށް ހަރުދަނާކޮށް ދރާއްޖެއިން އުފުލަންޖެހޭ ބައިނަލްއަގުވާމީ އިލްތިޒާމްތަކާ އެއްގޮތަށް ޢަމަލުކުރުމަށް މަގުފަހިކުރުންކަން އެޓާނީ ޖެނެރަލް ފާހަގަކުރެއްވި އެވެ.