ރާއްޖެއިން ކޮވިޑް-19 އަށް ރެކޯޑު އަދަދަކަށް މިއަދު މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު ޓެސްޓްކުރި 7,505 ސާމްޕަލްގެ ތެރެއިން 967 މީހުން ޕޮޒިޓިވް ވެފައިވެ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 101،481 އަރާފަ އެވެ. އަދި 500 އަށްވުރެ މަތިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ހުންނަތާ މިއަދަށް ހަތަރު ދުވަސް ވަނީ ވެފަ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 475 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ.

މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 290 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އަދި ރިސޯޓްތަކުން 87 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 5،881 މީހުންނެވެ. މިހާތަނަށް 95،259 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 22 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 265 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.