ވޮޝިންޓަން (16 ޖެނުއަރީ) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް މަރުގެ އިންޒާރު ދީ އާއްމުކުރި ވީޑިއޯގެ މައްސަލާގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީއާ ގުޅުންހުރި ޓުވިޓާ އެކައުންޓްއެއް ދާއިމީކޮށް ބްލޮކްކޮށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ޓުވިޓާއިން ބުނެފި އެވެ.

"ބުނެވުނު ޓްވިޓާ އެކައުންޓް ވަނީ މި ކުންފުނީގެ ގަވާއިދުތަކާއި މިންގަނޑުތަކާ ޚިލާފުވެފައި ވާތީ ދާއިމީކޮށް ސަސްޕެންޑް ކުރެވިފައި،" ޓްވިޓާގެ ތަރުޖަމާނަކު ބުންޏެވެ.

"ޚާމަނާއީސައިޓް"ގެ ނަމުގައި ހިންގަމުން ދިޔަ ޓްވިޓާ އެކައުންޓަކުން ވަނީ ޓްރަމްޕް މަރާލާ ކަމަށް ސިފަވާ ގޮތަށް ހަދާފައިވާ ތްރީ ޑީ އެނިމޭޓަޑް ވީޑިއޯއެއް އެ ޕްލެޓްޕޯމްގައި އާއްމު ކޮށްފަ އެވެ. ބެލެވޭ ގޮތުގައި މިއީ ޚާމަނާއީގެ ރަސްމީ ވެބްސައިޓުން ހިންގާ ޓްވިޓާ އެކައުންޓެކެވެ.

ޚާމަނާއީގެ ނަމުގައި އެކި ބަސްބަހުން ޓްވިޓާ އެކައުންޓްތައް ހިންގަމުން ދާއިރު ޓްރަމްޕްއަށް ބަދަލު ހިފުމުގެ ރޫހު ފަތުރާފައި ވާތީ މިދިޔަ އަހަރުވެސް ޓްވިޓާއިން ވަނީ މީގެ ތެރެއިން އެއް އެކައުންޓް ސަސްޕެންޑް ކޮށްފަ އެވެ.

މި ފަަހަކަށް އައިސް ޚާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ދަނީ އީރާނުގެ ގުދުސް ފޯސްގެ ކުރީގެ ވެރިޔާ ގާސިމް ސުލައިމާނީ މަރާލަން ދިން އޯޑަރުގެ ބަދަލު ޓްރަމްޕްގެ ކިބައިން ހިފާނެ ކަމަށް އިޝާރާތްކޮށް ޕޯސްޓްތައް ކުރަމުންނެވެ.

އެންމެ ފަހުން އާއްމު ކުރި ވީޑިއޯގައި ޓްރަމްޕް އޭނާގެ ފްލޮރިޑާގެ ގޮލްފް ދަނޑުގައި ހުންނައިރު ރޮބޮޓެއް މެދުވެރިކޮށް އޮޕަރޭޓް ކުރާ ޑްރޯން ހަމަލާއެއް އޭނާއަށް އަމާޒު ކުރެ އެވެ. ހަމަލާ ދިނުމުގެ ކުރިން ސުލައިމާނީގެ މަރަށް ޒިންމާވާ ހުރިހާ އެންމެންނަށް ހައްގު އަދަބު ލިބޭނެ ކަމަށް ބުނެ މެސެޖެއް ފޮނުވަ އެވެ.

ޓްވިޓާއިން ބުނީ އެކުންފުނީގެ މަގްސަދަކީ ސުލްހަވެރި މައުލޫމާތު ފެތުރުން ކަމަށާއި އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު ފަތުރަން އެކުންފުނިން ފުރުސަތު ނުދޭނެ ކަމަށެވެ. -- އަލް އަރަބިއްޔާ