ދުވަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު ވަރުބަލިވުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް، ކިތަންމެ ވަރަކަށް އަރާމުކުރި ނަމަވެސް ހަށިގަނޑުގައި ވަރު ނެތުމާއި، ސިކުނޑި ސާފުނުވެ މާބޮޑަށް ވަރުބަލިވުމަކީ ހަށިގަނޑުގައި އެހެން ސިއްހީ މައްސަލައެއް އުޅޭކަމުގެ ނިޝާނެކެވެ.

ލޭ މަދުވުން

ލޭގައި ހުންނަ ހީމޯގްލޯބިން މަދުވުމުން، ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ އޮކްސިޖަން ފޯރު ކޮށްދިނުމަށް ހުރަސްއެޅެ އެވެ. ހާއްސަކޮށް އަންހެނުންގެ މެދުގައި އާންމުކޮށް ދިމާވާ ދަގަނޑުގެ ބައި މަދުވުމުގެ މައްސަލައަކީ އިންތިހާއަށް ވަރުބަލިކަން އިހުސާސް ކުރުވާ ކަމެކެވެ.

ތައިރޮއިޑް މައްސަލަތައް

ތައިރޮއިޑް ގްލޭންޑުން އުފައްދާ ހޯމޯންތައް މަދުވުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް (ހަކަތަ އަންދާ މިންވަރު) ދަށް ކޮށްލާ ކަމެކެވެ. މީގެ ސަބަބުން ކިތަންމެ ގިނައިން ނިދި ނަމަވެސް ކަންނެތް ކަމާއި ވަރުބަލިކަން އިހުސާސްވެ، ބަރުދަން އިތުރުވާން ފަށަ އެވެ.

ވިޓަމިން ޑީ އަދި ބީ12 މަދުވުން

  • ވިޓަމިން ޑީ: ކަށިތަކާއި މަސްތަކުގެ ވަރުގަދަކަމަށް ބޭނުންވާ މާއްދާއެކެވެ. މިއީ މަދުވެއްޖެނަމަ ހަށިގަނޑުގައި ރިއްސައި ވަރުބަލިކަން މެދުވެރިވާ މާއްދާ އެކެވެ.
  • ވިޓަމިން ބީ12: ނާރުތަކުގެ ސިއްހަތަށާއި، ސިކުނޑީގެ މަސައްކަތަށް މުހިންމު މާއްދާއެކެވެ. މިއީ މަދުނަމަ ސިކުނޑި ސާފުނުވުމާއި ވަރުބަލިކަން އިހުސާސް ކުރެވެ
  • އެވެ.

ސްލީޕް އަޕްނިއާ

މިއީ ނިދާފައި އޮންނައިރު ނޭވާލާ ނިޒާމަށް ހުރަސްއެޅި، ކުޑަ ވަގުތުކޮޅަކަށް ނޭވާ ހިފެހެއްޓޭ މައްސަލަ އެކެވެ. މީގެ ސަބަބުން ރޭގަނޑު ފުރިހަމައަށް ނިދި ނުލިބި، ހޭލާއިރު މުޅި މީހާ ވަރުބަލިވެ، ބޮލުގައި ރިއްސުން މެދުވެރިވެ އެވެ.

ޑިޕްރެޝަން އަދި އެންޒައިޓީ

ނަފްސާނީ ދުޅަހެޔޮކަން ދަށްވުމަކީ ފިޒިކަލް ނުވަތަ ހަށިގަނޑުގެ ހަކަތަ މުޅިން ދަމައިގަންނަ ކަމެކެވެ. ޑިޕްރެޝަންގެ ސަބަބުން ހޯމޯންތަކަށް އަންނަ ބަދަލުތަކުން ހަށިގަނޑުގައި ވަރުނެތި، އަބަދު ވަރުބަލިކަން އިހުސާސް ކުރުވަ އެވެ.

އެކަށީގެންވާ ވަރަށް އަރާމުކޮށް، ރަނގަޅު ކާނާ ކެއުމުންވެސް އަބަދު ވަރުބަލިކަން އިހުސާސް ވާނަމަ، އެއީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށް ނުލާށެވެ. ޑޮކްޓަރަކަށް ދައްކައިގެން ލޭގެ ޓެސްޓުތައް ހަދައި، މީގެ ތެރެއިން ސަބަބެއް އުޅޭތޯ ދެނެގަތުން މުހިންމެވެ.