ތެލް އަވީވް (16 ޖެނުއަރީ) - އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ނަތަންޔާހޫގެ މައްޗަށް އެގައުމުގެ ދައުލަތުން އުފުލާފައިވާ ކޮރަޕްޝަނާއި ރިޝްވަތުގެ ދައުވާތައް އަނބުރާ ގެންގޮސްދިނުމަށް ސަރުކާރާއެކު އޭނާ މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތަކުގައި ނަތަންޔާހޫ ހުށައަޅާފައިވަނީ އޭނާގެ ފަރާތުން އެހެން ޝަރުތެއް ކަނޑައަޅައި އެ ދައުވާތައް އަނބުރާ ގެންގޮސްދިނުމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ސަރުކާރާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
އެގޮތުން އިޒްރޭލުގެ ގާނޫނު އަސާސީގައި ވާ ގޮތުން ނަތަންޔާހޫ ސިޔާސީ ހުރިހާ ކަމަކުން ދިގު މުއްދަތަކަށް ދުރުވާން އެއްބަސްވެއްޖެ ނަމަ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމުގެ އިޚުތިޔާރު ދައުލަތަށް ލިބިދެ އެވެ.
އެހެން ނަމަވެސް އޭނާއަށްފަހު ބޮޑުވަޒީރުގެ މަގާމާ ހަވާލުވި ނަފްތާލީ ބެނެޓް މަގާމުން ދުރުކުރަން ވައުދުވި މިހާރުގެ އިދިކޮޅު ލީޑަރު ނަަތަންޔާހޫ ވަނީ މި ޝަރުތަށް އެއްބަސްވާން ދެކޮޅު ހަދާފަ އެވެ.
އޭގެ ބަދަލުގައި އޭނާ ބޭނުން ވަނީ އޭނާގެ ހުކުމަށް ލިބޭ ޖަލުގެ މުއްދަތު ކުރުކޮށް އެ މުއްދަތަށް އިޖުތިމާއީ ޚިދުމަތް ކުރުުމުގެ ފުރުސަތު އޭނާއަށް ލިބިދިނުމަށެވެ.
އުމުރުން 72 އަހަރުގެ ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތު ދިނުމާއި ހިފުމުގެ އިތުރުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރި ކަމުގެ ދައުވާތައް އުފުލާފައިވާއިރު އޭނާ ވަނީ މި ހުރިހާ ދައުވާއަކަށް ވެސް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.
ދިގު 12 އަހަރަށްފަހު މިދިޔަ ޖޫން މަހު ބޮޑުވަޒީރުގެ މަގާމުން ދުރުވާން ޖެހުނީ އޭނާއާއެކު ކޯލިޝަން ހަދާނެ ފަރާތެއް ނުވެ، އިިދިކޮޅުން މެޖޯރިޓީ ކޯލިޝަންއެއް އުފެއްދުމުންނެވެ. -- އަލް އަރަބިއްޔާ