މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް ނާޅަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެޑިއުކޭޝަން މިނިސްޓަރަށް ފޮނުއްވި ސިޓީގައި ވަނީ ރާއްޖޭގައި ހެދުން އަޅަން ޖެހޭނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި ނިސްބަތުން ގިނަ އަންހެނުންނަކީ މޫނު ބުރުގާ އަޅާ ބައެއް ކަމަށާއި މީހަކު އަޅާ ހެދުމެއްގެ ސަބަބުން އެ މީހެއްގެ ގާބިލް ކަމަށް އަސަރު ނުކުރާނެ ކަމަށެވެ. އެހެންވެ، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ ތުއްތު ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫނު ދަރިވަރުންނަށް ފެނުމަކީ މުހިންމު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގަބޫލު ކުރެވޭ ނަމަ، އެކަމަށް އެކަށީގެންވާ މާހައުލެއް ގާއިމް ކުރުމަކީ އެ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭގޮތުން ކުރާ ތަފާތު ކުރުންތައް ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށާއި މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް އެޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތު މުރާޖައާ ކޮށްދޭން ވެސް އެދިފައިވެ އެވެ. އަދި އެ ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ގޮތެއް އެ ޕާޓީއަށް އަންގަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.