ބޭރަށް ހިންގުމާއި އެ ނޫން ވެސް ތަފާތު ސަބަބުތަކާ ހުރެ ހަށިގަނޑުން ފެން މަދުވާ ހާލަތްތަކުގައި އޯރަލް ރީހައިޑްރޭޝަން ސޮލިއުޝަން (އޯއާރުއެސް) އަކީ ވަރަށް މުހިންމު ފަރުވާ އެކެވެ.

ނަމަވެސް، އޯއާރުއެސް ބޭނުން ކުރުމާ ގުޅޭގޮތުން އާންމުންގެ މެދުގައި ކުރެވޭ ކުށްހީތަކެއް ހުރެ އެވެ. ޑޮކްޓަރު އަބީޝެކް މެހެންދަލޭ ވަނީ މިފަދަ 4 ކުށްހީއެއްގެ ހަގީގަތް ހާމަ ކޮށްދެއްވާފަ އެވެ.

ކުށްހީ: އޯއާރުއެސްއަކީ ބޭރަށް ހިންގުން ހުއްޓުވާ ބޭހެއް!

ހަގީގަތުގައި އޯއާރުއެސްއަކީ ބޭރަށް ހިންގުން ހުއްޓުވައިދޭ ބޭހެއް ނޫނެވެ. އޭގެ މައިގަނޑު ބޭނުމަކީ ބޭރަށް ހިންގުމުގެ ސަބަބުން ހަށިގަނޑުން މަދުވާ ފެނާއި މުހިންމު މިނަރަލްތައް (އިލެކްޓްރޯލައިޓްސް) އަލުން އިއާދަ ކޮށްދިނުމެވެ. އެއީ ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފަހައްޓައިދޭ އެހީތެރި އެކެވެ.

ކުށްހީ: "ފްލޭވާޑް" އިލެކްޓްރޯލައިޓް ބުއިމަކީ އޯއާރުއެސް

ބާޒާރުގައި ވިއްކަން ހުންނަ ހަކުރު ގިނަ ކުޅިވަރު ބުއިންތަކާއި (ސްޕޯޓްސް ޑްރިންކްސް) އަދި ތައްޔާރީ ބުއިންތަކަކީ އޯއާރުއެސްއެއް ނޫނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގަބޫލުކުރާ ސައްހަ އޯއާރުއެސްގައި ހުންނަންޖެހެނީ ވަކި މިންވަރަކަށް އެކުލެވިގެންވާ ލޮނާއި ހަކުރުގެ ނިސްބަތެކެވެ. ހަކުރު ގިނަ ބުއިންތަކުގެ ސަބަބުން ބޭރަށް ހިންގުން އިތުރަށް ގޯސްވުން އެކަށީގެންވެ އެވެ.

ކުށްހީ: ފިނި ފެނާއި ހޫނު ފެނުގައި ވެސް ބޭނުން ކުރެވޭނެ!

އޯއާރުއެސް ގަނޑު ކުރުމުން ނުވަތަ ނުހަނު ހޫނުފެނުގައި ގިރުމުން އޭގައިވާ ކެމިކަލް މާއްދާތަކުގެ ނިސްބަތަށް ބަދަލު އައިސް، އޭގެ އަސަރު ކުޑަވެގެންދެ އެވެ. އޯއާރުއެސް ގިރަން ވާނީ ކައްކާފައިވާ އާދައިގެ ފިނިމިން ހުރި ސާފު ފެނުގަ އެވެ.

ކުށްހީ: އޯއާރުއެސް ގިރައިގެން ކޮންމެ ވަގުތަކުވެސް ބޭނުން ކުރެވިދާނެ!

އޯއާރުއެސް ފެނުގައި ގިރުމަށްފަހު ތައްޔާރުކުރާ ތާރީހުން ފެށިގެން ބޭނުން ކުރެވޭނީ ގިނަވެގެން 24 ގަޑިއިރުގެ މުއްދަތަށެވެ. 24 ގަޑިއިރު ފަހުން އޭގައި ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބޮޑުވާތީ، ބާކީ ހުރި ފެން އުކާލުމަށްފަހު އާ އޯއާރުއެސް ތަށްޓެއް ގިރަން ޖެހޭނެ އެވެ.

އޯއާރުއެސްއަކީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކުން ސަލާމަތް ކޮށްދޭ މުހިންމު އެއްޗަކަށްވާއިރު، އޭގެ އެންމެ ފުރިހަމަ ފައިދާ ލިބޭނީ ރަނގަޅު ގޮތުގައި ބޭނުން ކޮށްގެންނެވެ.