އދ. ދަނގެތީގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަހްމޫދު އަބޫބަކުރު މަރާލި ކަމަށް، އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ، ޝާ އަލޮމް (ސާލިމް) ޝަރީއަތުގެ މަޖިލީހުގައި ވެސް ކުށަށް އިއުތިރާފްވެއްޖެ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

އަނިޔާވެރި ގޮތަކަށް މަހުމޫދު މަރާލި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ސާލިމް ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް ވެސް އިއުތިރާފުވެފަ އެވެ. ކޮޅު ތޫނު ކޮށްފައިވާ ދަނގަޑަކާއި ވަޅިއެއް ބޭނުންކޮށްގެން އޭނާ އުޅުނު ގޭގެ ތެރޭގައި މަހުމޫދު މަރާލި ކަމަށާއި އެއަށް ފަހުގައި މަހުމޫދުގެ ބޮލަށާއި ފަޔަށް ގޯންޏެއް ލައްވާފައި ވަޅެއްގެ ތެރެއަށް ވައްޓާލި ކަމަށް ވެސް އޭނާ ވަނީ މިއަދު އިއުތިރާފުވެފަ އެވެ. މަހުމޫދު އަބޫބަކުރު މަރާލީ ބޮލަށް ޝައިތާނާ ވަދެގެން ކަމަށާއި މިހާރު ކުރެވުނީ ކުށެއްކަން އެނގޭ ކަމަށް ވެސް ސާލިމް ބުންޏެވެ.

ސާލިމް ކުށަށް އިއުތިރާފްވި ނަމަވެސް މަހުމޫދުގެ ވާރިސުން ބޭނުން ވަނީ މަރަށް މަރު ހިފުމަށެވެ. އަދި މަހުމޫދުގެ ވަކީލް އިއުތިރާފް އެއްބަސްވުން ހަދަން ބޭނުންވާ ކަމަށް ވިދާޅުވި ނަމަވެސް ދައުލަތުން ބުނީ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމުގައިވާނަމަ އިއުތިރާފް އެއްބަސްވުން ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.

މަހުމޫދު މަރާލި ކަމަށާއި މަރާލާފައި އޭނާ ވަޅަކަށް ވައްޓާލުމަށް މިއަދު ސާލިމް އިއުތިރާފުވުމާއި ގުޅިގެން ޝަރީއަތުން ނިންމާފައިވަނީ މި މައްސަލައިގައި އަވަސް ނިޔާގެ ޝަރީއަތެއް ކުރިޔަށް ގެންދިއުމަށެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އަވަސް ނިޔާގެ ޝަރީއަތެއް ވަނީ ތާވަލްކޮށްފަ އެވެ.