މާލެ އާއި ތިލަފުށި ގުޅުވައިދޭ، "ތިލަމާލެ ބްރިޖް" މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އިތުރު ސާވޭއެއް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މާލެ ތިލަފުށި މަޝްރޫއު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު، އޮފްކޯންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭތައް ކުރުމަށް ބައެއް އިކުއިޕްމަންޓުތައް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ޖިއޯޓެކްނިކަލް ސާވޭ އަކީ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށް ކުރާ ސާވޭއެކެވެ. ޕްނޭނިން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މާލެ އަދި ވިލިނގިލީގައި އެ ސާވޭގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މީގެ ކުރިންވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ކުރިޔަށް ގެންދިއުމަށް ސާވޭތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ފެށި އެ ސާވޭ ނިމޭނީ އަންނަ ފެބުރުއަރީ މަހަށް ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިމާލެ އާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާ ދެމެދު އެއް ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއްގަ އެވެ. އެ ސާވޭ ކުރިއަށް ގެންދިޔައީ އެފްކޮންސް އިންފްރާސްޓަރަކްޗާގެ ސަބް-ކޮންޓްރެކްޓަރެއް ކަމަށްވާ ފޯސައިޓް ސާވެއާސްއާ ހަވާލުކޮށްގެންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރު ފެށޭ ވަރު ވާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ގްރޭޓަ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ކުރިއަށް ގެނަދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއުއަށްޓަކައި އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ގްރާންޓެއް ވެސް ވަނީ ފޯރުކޮށްދީފަ އެވެ. (ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) އަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅިފަޅު ގުޅާލާނެ އެވެ.