ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ ވީޑިއޯ އިތުރަށް ދައުރު ނުކުރުމަށާއި ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި ޕޭޖުތަކުން އަދި ގްރޫޕުތަކުން ނެގުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފި އެވެ.

މިއަދު ހެނދުނު 11:35 އެހާކަންހާއިރު ރިޕޯޓުކުރި މި ހާދިސާގައި ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އާންމުން ހަރަކާތްތެރިވަމުން ދިޔަ މަންޒަރާއި، ކުއްޖާގެ ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތް މަންޒަރު ފެންނަ ވީޑިއޯ ދަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ފެތުރެމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ނާޒުކު އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފުލުހުން ފާހަގަކުރި އެވެ.

އެހެންކަމުން އެ ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މީގެއިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުން ވެސް ވީޑިއޯ ފޮހެލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.