ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި މައުދަނާއި ގުދުރަތީ ވަސީލަތްތައް ނެގުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. މި ނިންމުމާ ގުޅިގެން ރާއްޖޭގެ ސަރަހައްދުން ދިރުންނެތް ވަސީލަތްތައް ހޯދައި ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީއާއި ކަމާގުޅުންހުރި އިދާރާތަކުން މިހާރު ވަނީ ފަށައިފަ އެވެ.

މި ނިންމެވުން ނިންމީ ވަޒީރުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ބައްދަލުވުމުގަ އެވެ.

އެފަދަ ވަސީލަތްތައް ހޯދައި އެ ތަކެތި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން އެ ސިނާއަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ހާއްސަ ބިލެއް ފަރުމާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސަރުކާރުން ބުނީ މި ނިންމުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި އެ ވަސީލަތްތަކުގެ ފައިދާ ހޯދުމަށް ކުރަންޖެހޭ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި ގައުމީ ތެޔޮ ރިޒާވެއް ގާއިމްކުރުމަށް ކުރަންޖެހޭ ކަންކަމުގެ ދިރާސާއެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ތެލުގެ ރިޒާވެއް ގާއިމްކުރުމަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމްކުރުން ފަދަ މުހިންމު ކަމެއް ކަމަށެވެ.

މި މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، ކޮންމެ ފިޔަވައްސަކަށް ގިނަވެގެން 150 މިލިއަން ޑޮލަރު ބަޖެޓުން ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ރާއްޖެއަކީ އެތެރެކުރާ ތެލަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވުމުން، މިފަދަ ރިޒާވެއްގެ ސަބަބުން މުސްތަގުބަލުގައި އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެވެ.